މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ މަސްވެރިކަން ރަނގަޅުވުމާއި އެކު މަސް ކިރުން ދަތިވެ، އައިސް ލިބުން ލިބުން ދަތިވުމުގެ ޝަކުވާ މަސްވެރިން ކުރަން ފަށައިފިއެވެ.
މަސްވެރިކަން އާދަޔާ ހިލާފަށް މިދުވަސްކޮޅު ރަނގަޅުވެފައިވާ އިރު މިފްކޯ މަސް ފެކްޓަރީ ކޫއްޑޫ އަށާއި ހުވަދު އަތޮޅުގައި މިފްކޯއިން ހަދާފައިވާ އައިސް ޕްލާންޓްތަކަށް ވަނީ ބާރު ބޮޑުވެފައެވެ.
މަސްވެރިން ދަނީ މަސް ކިރުމުގައި އަދި އައިސް ދޫކުރުމުގައި ތަފާތު ގެންގުޅޭކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.
މަސްވެރިކަން ރަނގަޅުވެފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް ވަނީ ރިކޯޑް އަދަދަކަށް މަސް ކިރުވާފައެވެ. މިފްކޯއިން ބުނީ ހޮނިހިރު ދުވަހު އެކަނިވެސް 700 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ.
މިފްކޯއިން ބުނެފައިވަނީ މަސްވެރިން ބާނާ މަސްކޮޅު ކުނިކޮށް ކަނޑަށް އަޅާލުމަށް ދޫކޮށްނުލާނެކަމަށާއި މަސް ކިރޭނެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.