ޚަބަރު

ލަންކާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ކޮލަންބޯ- ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ހުށަހަޅައިފިއެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި ކެބިނެޓްގެ 15 ވަޒީރަކު ބަދަލު ކުރުމަށް ވަނީ ހުށަހަޅާފައެވެ. ލަންކާގެ މިނިސްޓަރެއް ކަމަށްވާ އަކިލަ ވިރާޖު އާއި ހަވާލާދީ އެގައުމު ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަކި ކުރަން ހުށަހަޅާފައިވާ މިނިސްޓަރުންނަކީ ދާދި ފަހުން ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަގެ އިތުބާރު ނެތްކަމަށް ފާސް ކުރުމަށް ވޯޓު ދެއްވި ވަޒީރުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮތަށް ނިންމުމަށް ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ދިގު މަޝްވަރާތަކެއް ކުރައްވާފައެވެ.

އަކިލަ ވިރާޖް އާއި ހަވާލާދީ ބުނެފައިވާ ގޮތުގައި މި ނިންމުން އެގައުމުގައި ފާހަގަ ކުރާ ސިންހަލަ އަދި ތަމަޅައިންގެ އާ އަހަރުގެ ކުރިން ނިންމާނެއެވެ. އެގޮތުން ވަކި ކުރާ ބޭފުޅުންގެ ތެރޭގައި ޕާލަމެންޓުގެ ނައިބް ރައީސް ވެސް ހިމެނެ އެވެ.