ރާއްޖެއަށް ފަތުރުވެރިން ގެންނަ ޖަރުމަނުގެ ކޮންޑޯ އާއި ލުފްތާންސާގެ ދަތުރުތައް ޓޫރިސްޓުން ނުލިބޭތީ މެދު ކަނޑާލައިފިއެވެ.
ކޮންޑޯގެ ރާއްޖޭގެ އެޖެންޓް ޔުނިވާސަލް ޓްރެވަލް ސާވިސްއިން ބުނީ މިއަހަރު ހޫނު މޫސުމުގައި އެކަށީގެންވާ ވަރަށް ޓޫރިސްޓުން ނުލިބޭތީ ކޮންޑޯގެ ދަތުރުތައް އިއްޔެއިން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ.
ދެން ކޮންޑޯގެ ދަތުރުތައް ރާއްޖެއަށް ފަށާނީ އަންނަ ފިނި މޫސުމާއި ދިމާކޮށް ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
ފާއިތުވި 37 އަހަރު ރާއްޖެއަށް އޮޕަރޭޓް ކުރި ކޮންޑޯގެ ދަތުރުތައް އިއްޔެ މެދު ކަނޑާލިއިރު ޖަރުމަނުގެ ފްރަންކްފަޓުން ރާއްޖެއަށް އޮޕަރޭޓް ކުރަމުން އަންނަ ލުފްތާންސާގެ ދަތުރުތައް މިއަދުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލި ވުމާއި ގުޅިގެން ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މަދުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކުރުމާއި ގުޅިގެން ގިނަ ރިސޯޓް ތަކުގެ ބުކިން ވަނީ ކެންސަލްކޮށްފައެވެ.