Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

އިލެކްޝަންސްގެ ދައުވަތު އިދިކޮޅުން ގަބޫލެއް ނުކުރި

ވީނިއުސް

އިދިކޮޅު ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކަމިޝަނުން ބައްދަލު ކުރަން ދިން ދައުވަތު ގަބޫލު ނުކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ޖުމްހުރީ ޕާޓީގެ ޖަގަހަ ކުނޫޒުގައި ބޭއްވި ބައްދަލުވުމެއްގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އީސީގެ ހުށަހެޅުން އިދިކޮޅު ފަރާތްތަކުން ގަބޫލް ނުކުރާކަމަށެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކާއި އެކު އީސީން ބައްދަލު ކުރަން ބޭނުންވަނީ ވަކިވަކި ޕާޓީތަކުގެ މައުލޫމާތު ހޯދަން ކަމަށާއި އެއީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ކުރައްވާ މަސައްކަތެއްކަމަށެވެ.

އަދި އެފުރުސަތު އީސީއަކަށް ނުދޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ އީސީން މަސައްކަތް ކުރައްވަން ޖެހެނީ ގާނޫނީ ގޮތުން އިލެކްޝަންސްއަށް މަތިކޮށްފައިވާ މަސައްކަތް ފުރިހަމައަށް އަދާކޮށް ޕާޓީތަކަށް ލިބެން ޖެހޭ އިމްތިޔާޒުތައް ފަހިކޮށް ދިނުމަށް ކަމަށެވެ.

ސަމީރު އިތުރަށް ވިދާޅުވީ ޕާޓީތަކުގެ މައުލޫމާތު އިލެކްޝަނަށް ހުށަހަޅާފައިވާނެކަމަށާއި އިތުރު މަޝްވަރާއަކަށް ދާކަށް ނުޖެހޭ ކަމަށެވެ.

އިލެކްޝަނުން ޕާޓީތަކާއި ބައްދަލު ކުރުމަށް ދައުވަތު ފޮނުއްވިއިރު މިހާރު އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފް އަކީ ރައީސް އަބްދުﷲ ޔާމީން އާއި އެކު ޕީޕަލްސް އެލައެންސް (ޕީއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ފަހު މިހާރުގެ ސަރުކާރުގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ހޮއްވަވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅާއެވެ.