ވީނުވީއެއް ނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާނުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުންގެ ތެރޭގައި ހިމެނޭ ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން ހުޅުމާލޭގައި ރަތް ކާރެއް ދުއްވިކަމަށް އޭނާއާއެކު ވިޔަފާރީގައި މަސައްކަތް ކުރާ ދެ ރައްޓެއްސަކު މިއަދު ކުރިމިނަލް ކޯޓުގައި ހެކިބަސް ދީފިއެވެ.
މި މައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގައި ހެކިބަސްދިން ހެކިވެރިއާ ބުނީ ރިލްވާން ގެއްލުނު ދުވަސްވަރު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ދުއްވި ކަމަށާއި އެކާރަކީ މިމައްސަލާގައި ދައުވާލިބޭ ހ. ހިލްޓަން އާލިފް ރައޫފްގެ ކާރެއްކަމަށް ނޫރައްދީން ބުނެފައިވާ ކަމަށެވެ. އަދި އެ ދުވަސްވަރު އާލިފް ރައޫފާއި ނޫރައްދީން އެކުގައި ހުޅުމާލޭގައި އުޅެނިކޮށް ފެނިފައިވާކަމަށްވެސް ހެކިވެރިޔާވަނީ ބުނެފައެވެ.
އެހެންނަމަވެސް ހެކިބަސް ދިން ހެކިވެރިޔާ ބުނީ ރިލްވާން ގެއްލުނުކަމަށް ބެލެވޭ ރޭ 20:00 ޖެހިއިރުން ފެށިގެން މެންދަމު 03:00 އާއި ހަމައަށް ނޫރައްދީން އުޅުނީ އޭނާއާއި އެކު ސައިކަލުގައި ކަމަށާއި ނޫރައްދީން ގެއަށް ގެންދިޔައީ ވެސް ސައިކަލުގައި އޭނާ ކަމަށެވެ.
މިމައްސަލާގައި މިއަދު ވަނީ ކާރު ހުޅުމާލެއަށް ގެންދިޔަ ދޯނީގެ ކެޕްޓަނާއި ކާރު ހުޅުމާލެއިން މޭލެ ގެނައި ދޯނީގެ ކެޕްޓަނުގެ ހެކިބަސް ވެސް ހެކިބަސް ހޯދާފައެވެ.
އެގޮތުން ދޯނީގެ ދެ ކަޕްޓަނުން ވެސް ބުނީ އެކާރު ގެންދިއުމާއި މާލެ ގެނައުމުގައިވެސް ނޫރައްދީނާއި އާލިފް ހަރަކާތްތެރި ނުވާ ކަމަށެވެ. 2014 ވަނަ އަހަރުގެ އޮގަސްޓްމަހު ކުރީކޮޅު ޕްރައިވެޓް ކާރެއް ހުޅުމާލެއަށް ގެންދިޔަކަމަށާއި ކާރު އޮގަސްޓް 13 ގައި އަނބުރާ މާލެ ގެނެނައިކަމަށް ކެޕްޓަނުންވަނީ ބުނެފައެވެ.
ނަމަވެސް ހުޅުމާލެއަށް ގެންގޮސް ގެނެސްފައިވަނީ އެއް ކާރެއްކަމެއް ކެޕްޓަނުންނަށް ބުނެދެވިފައެއް ނުވެއެވެ.
ރިލްވާން ގެއްލުނު މައްސަލާގައި ޖުމްލަ ތިން މީހެއްގެ މައްޗަށް ދައުވާ ކުރެއެވެ. އެއީ ހ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.
މި އެންމެންގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު، މީގެ ތެރެއިން ސުމައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.
ރިލްވާން ގެއްލިފައިވަނީ 2014 އޮގަސްޓް މަހުއެވެ.