މި އަހަރުގެ ރަމަޟާން މަހު ސްކޫލްތަކުގައި ކިޔަވައިދޭނެ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ދެމެދު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ވާ ގޮތުން ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅި ރޯދަ މަހު ފަށާނީ ހެނދުނު 8:40 އާއި 09:00 އާ ދެމެދު އެވެ. އަދި މެންދުރުގެ ދަންފަޅީގައި ކިޔަވައި ދޭނީ ހެނދުނު 11:30 އިން މެންދުރު 13:00 އަށް ކަމަށް ސާކިއުލާގައި ވެ އެވެ. އަ
ދި ރޯދަ މަހު ކިޔަވައި ދިނުމުގެ ވަގުތު ކަނޑައަޅަން ވާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 15:00 ގެ ކުރިން އެ ދުވަހެއްގެ ސެޝަން ނިންމާ ގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ ޕްރީ ސްކޫލްގެ ކުދިންގެ ކިޔެވުން ދޮޅުގަޑިއިރަށް ވުރެ ކުރު ނުވާނެ ގޮތަކަށް ރޯދަ މަހު ކުރިއަށް ގެންދިއުމަށެވެ.
ގްރޭޑް 1-7 ގެ ދަރިވަރުންގެ ކިޔެވުން ދެ ގަޑިއިރާއި 30 މިނިޓަށް، ގްރޭޑް 8-10 ގެ ކިޔެވުން ތިން ގަޑިއިރަށް އަދި ގްރޭޑް 11-12 ގައި އުޅޭ ދަރިވަރުންނަށް ރޯދަ މަހުގެ ތެރޭގައި ހަތަރު ގަޑިއިރު ކިޔަވައި ދިނުމަށް އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ.
ސާކިއުލާގައި ބުނެފައިވާ ގޮތުން ރޯދަ މަހު އެކި މާއްދާތައް ކިޔަވައިދޭން ލިބޭ ވަގުތަށް ބަލައި، ކޮންމެ މާއްދާ އަކަށް އަދި ކޮންމެ ގްރޭޑަކަށް ޚާއްސަ ޕްރޮގްރާމެއް އެކުލަވާލަން ޖެހެ އެވެ. އަދި އެންމެ މަދުވެގެން ދެ ހަފުތާގެ ތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަކަށް ޓައިމްޓޭބަލް އެކުލަވާލަން ވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ރޯދަމަހު ކިޔަވައިދޭ ގަޑިތަކުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ނަމާދު ވަގުތުތައް ފާއިތު ނުވަނިސް ނަމާދު ކުރެވޭނެ ގޮތް ފަހި ކޮށްދިނުމަށާއި ދަންފަޅި ނިމުމުން ލަސްނުވެ ގެއަށް ދެވޭނެގޮތް ހަމަޖެއްސުމަށް ވެސް މިނިސްޓްރީ އިން ނެރުނު ސާކިއުލާގައި ބުނެފައި އެވެ. އަދި ސްކޫލްތަކުގައި ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ދީނީ ހަރަކާތްތައް ރާވައި ހިންގުމަށް ވެސް ބުނެފައި ވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، މަޣްރިބް ނަމާދާއި އިޝާ ނަމާދުގެ ވަގުތުގައި އެއްވެސް ސްކޫލް ހަރަކާތެއް ނުހިންގުމަށާއި ސްކޫލްގައި ހިންގާ ހަރަކާތްތައް ތަރާވީހް ނަމާދަށް ފުށުނާރާ ގޮތަށް ރާވާ ހިންގުމަށެވެ. އަދި ރޯދަ މަހު ސުކޫލް ތަކުގައި ކިޔަވާދޭނެ ޓައިމްޓޭބަލް ރޯދަ މަސް ފެށުމުގެ 10 ދުވަސް ކުރިން މިނިސްޓްރީއަށް ފޮނުވުމަށްވެސް ސާކިއުލާގައި ވެއެވެ.
ކަލަންޑަރުގައިވާ ގޮތުން ނަމަ މި އަހަރުގެ ރޯދަ މަަސް ފެށޭނީ އަންނަ މެއި މަހުގެ 16 ގަ އެވެ.