Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

"ޖީއެމްއާރާ ހެދި ނޫން ނަމަ ގިނަ ހިދުމަތްތައް އަގުހެޔޮވާނެ"

ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ފޮޓޯ: ސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދިން މައްސަލާގައި ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހުނު 1.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހުނު ނަމަ ގިނަ ހިދުމަތްތަކުގެ އަގު ކުޑަކުރެވުނީސް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އިން ރޭ ގެނެސްދިން "ހެޔޮއަގު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް ވުރެ ބޮޑުތަން ކުޑަކޮށް ރައީސް ޔާމީންގެ ސަރުކާރުން މުދަލާއި ހިދްމަތުގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ.

އެގޮތުން ކާޑުގެ އަގަށް ގެނައި ބަދަލާއި ގުޅޭ ގޮތުން ސައީދު ވިދާޅުވީ އެ ނިންމުމަކީ ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއި އެކު ނިންމި ނިންމުމެއްކަމަށެވެ. އަދި އެކަމުގެ ހެޔޮ މަންފާ ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ.

ސައީދު ވިދާޅުވީ ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރި ނަމަވެސް ބައެއް ފަރާތްތަކުން ބޮޑު އަގުގައި ވިއްކަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި އެކަން ބަލައި އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ދާދި ފަހުން ގެނައި ބައެއް ބަދަލުތަކަށް ތަފްސީލުކޮށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއި މަޖޫރީންގެ އަގު ކޮންޓްރޯލް ކުރުމުގެ ފައިދާ ރައްޔިތުންނަށް ފެންނަން ފަށާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ގެންނަ އިޤްތިސާދީ ބަދަލުތަކުގެ ސަބަބުން ދަޢުލަތުގެ ރިޒާވް އިތުރުވަމުންދާކަމަށާ މިހާރު ސެންޓްރަލް ބޭންކްގެ ރިޒާވެގެ ގޮތުގައި 720 މިލިއަން ޑޮލަރު އެބަހުރިކަމަށެވެ. ނަމަވެސް ކުރިން މި ޢަދަދު ހުރީ 400 މިލިއަން ޑޮލަރުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ