މީހުން

ހެރީ އާއި މެގަން ކައިވެނީގެ ހަދިޔާ ބޭނުމެއް ނޫން!

(Photo by Chris Jackson/Chris Jackson/Getty Images)

އަންނަ މޭ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިނގިރޭސި ޝާހީ ކައިވެނި، ޕްރިންސް ހެރީ އަދި މެގަން މާކަލްގެ ގުޅުން ފާހަގަކުރުމަށް އެއްވެސް ހަދިޔާއެއް ބޭނުން ނުވާ ކަމަށް ޝާހީ އާއިލާއިން ބުނެފިއެވެ.

އާންމުކޮށް ޒަވާޖީ ހަޔާތް ފެށުމުގެ އުފަލުގައި ބާއްވާ ކައިވެނި ޕާޓީއަށް އަގުބޮޑު ހަދިޔާތައް މީހުން ގެނައުމުގެ ސަގާފަތަށް ބަދަލު ގެނެސް، ޕްރިންސް ހެރީއާއި މެގަން މާކަލް ވަނީ އެމީހުންގެ ކައިވެނީގެ ހަދިޔާގެ ގޮތުގައި ޗެރިޓީތަކަށް އެހީތެރިވެދިނުމަށް ޕާޓީއަށް ދައުވަތު އެރުވުނު ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އަދި 7 ޗެރިޓީއެއް ޕްރިންސް ހެރީ ވަނީ އިޚްތިޔާރުކޮށްފައެވެ. އޭގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ޗެރިޓީތަކާއި އެޗްއައިވީ އެއިޑްސް އިން ސަލާމަތްވުމަށް މަސައްކަތް ކުރާ ޗެރިޓީ އަދި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވާ ޗެރިޓީ ހިމެނެއެވެ. ނަމަވެސް މިއިން އެއްވެސް ޗެރިޓީއަކީ ޝާހީ އާއިލާއާ ގުޅުން ހުރި ޗެރިޓީއެއް ނޫންކަން ވެސް ފާހަގަކޮށްލެވެއެވެ.

ޕްރިންސް ހެރީ އަދި މެގަން މާކަލްގެ ކައިވެންޏަށް ޝާހީ އާއިލާއިން އަންނަނީ ތައްޔާރު ވަމުންނެވެ. އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "ސޫޓްސް" އިން ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދި މެގަން މާކަލް ވަނީ އެކްޓިން ހުއްޓާލުމަށްފަހު އިނގިރޭސި ވިލާތަށް ބަދަލުވެ އެގައުމުގެ ރަށްވެހިކަން ހޯދުމަށް ނިންމާފައެވެ.