Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

"އައްޑޫ ނޭޗާ ޕާކް" އަށް ޓުއާ ގައިޑުން ތަމްރީނު ކުރަނީ

އިކޯ-ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫގައި ގާއިމުކޮށް، ހުޅުވަން ތައްޔާރުވަމުން އަންނަ "އައްޑޫ ނޭޗާ ޕާކް" ގައި މަސައްކަތް ކުރާނެ ޓުއާ ގައިޑުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އެންވަޔަރަމަންޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނީ މިއީ ނޭޗަ ޕާކުގައި ހަރަކާތްތެރިވާނެ ޓުއށާ ގައިޑުން ތަމްރީން ކުރަން ބާއްވާ ފުރަތަމަ ޕްރޮގްރާމް ކަމަށެވެ. އަދި ޓްރެއިނިން ކުގައި ބައިވެރިވެ، ފުރިހަމަ ކުރާ ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައި "އައްޑޫ ނޭޗް ޕާކް" އަށް މުވައްޒަފުން ނެގުމުގައި އިސްކަން ދޭނެ ކަމަށް ބުންޏެވެ.

އެހެންވެ ޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވަނީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިކަމަށް އެދޭ ފޯމް އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓުން ލިބޭނެ އެވެ.

މިނިސްޓްރީން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ފޯމު ހުށަހަޅާ 5 ފަރާތަށް އިސްކަން ދޭނެ ކަމަށެވެ.

ތަމްރީނުގައި ތަނުގެ މާހައުލާއި އާސާރީ ތަންތަނުގެ މަޢުލޫމާތު ދޭނެ ގޮތާއި ޓުއާތައް ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތާއި ޒިޔާރަތްކުރާ ފަރާތްތަކާ މުޢާމަލާތްކުރާނެ ގޮތުގެ މަޢުލޫމާތު ދޭނެ އެވެ.

އައްޑޫ ނޭޗާ ޕާކަކީ އެންވަޔަރަމަންޓް މިނިސްޓްރީން ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން އައްޑޫގައި ހިމާޔަތްކޮށްފައިވާ އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަހައްދުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އައްޑޫ ނޭޗާ ޕާކް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ.