Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ނުވިކި ހުރި ޓާޓާ ފްލެޓްތައް ވިއްކާލަނީ

ޓާޓާއިން ހަދާފައިވާ ފެލެޓް، ފޮޓޯ: ސަން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން ގާކޮއްޓާއި، ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރި ފްލެޓް ތަކުގެ ތެރެއިން ނުކިވި ހުރި 47 ފްލެޓް ވިއްކުމަށް އަލުން ހުޅުވާލައިފިއެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2 މިލިއަން ރުފިޔާގެ އަގަށް 47 ފްލެޓް ވިއްކަން ފުރުސަތު ހުޅުވާލާފައިވާ ކަމަޑެވެ. އެ ފްލެޓްތަކަކީ ކުރިން އަރަބިއްޔާ ސްކޫލް ހިންގި ބިމުގައި ހުރި 10 ފްލެޓަކާއި ގާކޮށިން 37 ފްލެޓެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނެފައިވަނީ އުމުރުން 21 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށް އެއްފަހަރާ ފައިސާ ދެއްކުމަށް ފަހު އަދި 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ އުސޫލުން ފްލެޓް ގަނެވޭނެކަށެވެ. އެގޮތުން ފްލެޓް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ކޮންމެ މީހަކަށް 30 މިނިޓްގެ ވަގުތު ލިބިގެންދާނެކަމަށެވެ.

ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތައް ވިއްކާލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. އެ ފުރުސަތު ހުޅުވާލުމާއި އެކު ފްލެޓް ގަތުމަށް ގިނަ ބަޔަކު ކިއު ހެދިއެވެެ. ނަމަވެސް ފަހުން އެ އުސޫލު ބަދަލުކޮށް އޮންލައިންކޮށް ފްލެޓް ގަތުމަށް އެދުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލިއެވެ.