ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ވަކީލަކު އައްޔަން ކުރަން އެ ތިން ބޭފުޅުންނަށް ވެސް 10 ދުވަސް ދީފިއެވެ.
ވަކީލަކު އައްޔަން ކުރުމަށް އެ ތިން ބޭފުޅުންނަށް 10 ދުވަހުގެ މުއްދަތެއް ދީފައި މިވަނީ ދައުލަތުން އެބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅި ކަމަށް ބުނެ ކުރާ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައެވެ.
އެ ތިން ބޭފުޅުން ވެސްވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ވަކީލަކާއެކު ކަމަށް ވިދާޅުވެފައެވެ. އެ ތިން ބޭފުޅުން އެހެން ވިޑާޅުވުމުން ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ 10 ދުވަހުގެ ފުރުސަތެއް ދެއްވުމަށްފަހުއެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަނީ އެ ތިން ބޭފުޅުންގެ މައްޗަށް ފުލުހުން ތަހުގީގު ކުރި މައްސަލަތަކުގެ ހެކިތަކެއް އެ ތިން ބޭފުޅުންގެ ފޯނުގައި ހުރި ކަމަށް ތަހުގީގަށް ފާހަގަ ކުރެވިގެން މޯބައިލް ފޯނު ދޭން އެންގުމުން މޯބައިލް ފޯނު ދީފައި ނުވާތީއާއި ފޯނު އޮތްތަނެއް ބުނެދީފައި ނުވާތީ އެވެ.
ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައެވެ.
މީގެ އިތުރުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރިޝްވަތުގެ ދައުވާ ވެސް ކޮށްފައިވާއިރު، އޭގެއިތުރުން އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.