Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ޤައުމީ އިނާމަށް ނަން ހުށަހެޅުން އާދިއްތައާ ހަމައަށް

ޤައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސް ޔާމީން އިނާމް ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި އެޕްރީލް މަހުގެ 15 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އަށް ހަމަވާނެއެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި އެއޮފީހުގެ ވެބްސައިޓް www.presidencymaldives.gov.mv އިންވެސް ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ރައީސް އޮފީހުން ބުނީ މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށާއި އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުޞަތު ދެއްވުމަށްޓަކައި އިނާމުދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ 4 އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނުއްވައި، މި ދެ ދާއިރާއިން އިނާމު ދެއްވާނެ ވަކި ރޮނގުތަކެއް ވަނީ ކަނޑައަޅުއްވާފައިވާ ކަމަށާއި އެދެ ދާއިރާއިން އިނާމު ދެއްވާނީ، މަދުވެގެން 5 އަހަރު ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިއަހަރު ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މި މަހުގެ ތެރޭގައި ހުޅުއްވާލައްވާނެއެވެ.