Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ފުވައްމުލައް ބަލިކޮށް ޒޯން 8 ގެ ޗެމްޕިއަންކަން ހިތަދު އަށް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 8 ގެ ޗެމްޕިއަންކަން ހިތަދޫ ފުޓްބޯޅަ ކުލަބުން ހޯދައިފިއެވެ.

ހިތަދޫ ޓީމް ޒޯން 8 ގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ޒޯން 8 ގެ ފައިނަލްގެ ދެވަނަ ލެގްގައި ފުވައްމުލަކު އެފްސީ ދޫނިގަލޯނާ 4-1 ލަނޑުން ބަލިކޮށްގެންނެވެ. މުބާރާތުގެ ފައިނަލްގެ ފުރަތަމަ ލެގް ފުވައްމުލަކުގައި ކުޅެ ހިތަދޫ ޓީމް ކާމިޔާބް ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިއަދު މެޗްގައި ހިތަދޫ ޓީމުން ޖެހި 4 ގޯލްގެ ތެރެއިން 2 ގޯލް ޖެހީ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑް އޮސާޖީއެވެ. އަނެއް ދެ ގޯލް ކާމިޔާބް ކޮށްދިނީ އަހުމަދު އިބްރާހިމް (ކޭޑީ)އެވެ.

ފުވައްމުލަކު ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަސްރަހްއެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށް ޝީލްޑާއި މެޑަލް ހަވާލުކޮށްދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އެވެ.

ހިތަދޫ ޓީމް ޒޯން 8 ގެ ޗެމްޕިއަންކަން ނެގުމާއި ގުޅިގެން އެޓީމް ވަނީ ޒޯން މުބާރާތަށް ކޮލިފައިވެފައެވެ. ޒޯން މުބާރާތުގެ މެޗްތައް މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގެ މެޗްތައް ކުޅޭނެ ތަނެއް އަދި އެފްއޭއެމްއިން ނިންމާފައި ނުވެއެވެ.