ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) އިން އިންތިޒާމް ކޮށްގެން ބާއްވާ "ސާކް ފިލްމު ފެސްޓިވަލް 2018" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ މެއި މަހުގެ 22 ން 27 ށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާކް ފިލްމު ފެސްޓިވަލް 2018" ގައި 02 ކުރު ފިލްމު އަދި 02 ފީޗަރ ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މިފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 ފަރާތަކުން ބައިވެރިވެވޭނެ ކަމަށާއި މިބޭފުޅުންގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް އަންގާފައިވާ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުން ކަމަށް އެންސީއޭ އިން ބުނެއެވެ.
މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 18 އޭޕްރިލް 2018 ވާ ބުދަ ދުވަހުގެ ކުރިން އެންސީއޭ އަށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވަން ޖެހޭނެ އެވެ.
މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް އެންސީއޭގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ސާކް ފިލްމް ފެސްޓިވަލްތަކުގައި ގިނަ ކާމިޔާބީތަކެއް ރާއްޖެއިން ވަނީ ހާސިލްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގަ އެންމެ މޮޅު ބަތަލާގެ މަޤާމް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އައިޝަތު ރިޝްމީ އަށް ވަނީ ލިބިފައެވެ.
އަދި މީގެ އިތުރުން، 2014 ވަނަ އަހަރު ރަވީ ފާރޫގް ޑައިރެކްޓްކުރި "އިނގިލި" އަށް ބްރޯންޒް މެޑެލް ލިބުނުއިރު، އެފިލްމުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަށް ފެސްޓިވަލްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ. އަދި 2015 ވަނަ އަހަރު ސީޒަނަލް މޫވީސް އިން އުފައްދާފައިވާ "އިންސާނާ" އަށް ބްރޯންޒް މެޑަލް ލިބުނެވެ.