ދީނީ ގޮތުން ހައްދުފަހަނަޅައި ދިއުމާއި ދީން ދޫކޮށް، މުރުތައްދުވެ އެކަން އިއުލާން ކުރާ މީހުނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމައި ގެޒެޓް ކޮށްފިއެވެ. މި ފިޔަވަޅު އަޅަން ނިންމާފައިވަނީ މުރުތައްދުވެ، ފާޅުގައި އިސްލާމް ދީން ދޫކުރިކަން އިއުލާން ކުރާ މީހުންނާއި، އެހެން ގައުމުތަކުގެ ހަނގުރާމައަށް ދާ މީހުންނާއި "ހޭޓް ސްޕީޗް" ފަތުރައި އިސްލާމް ދީނަށް ނަފްރަތުކޮށް ވާހަކަ ދައްކާ މީހުންނަށެވެ.
އެގޮތުން އިއްޔެ ގެޒެޓުގައި ޝާއިރުކުރި އާ އުސޫލުގައި ބުނެފައިވަނީ މުރުތައްދުވާ މީހުނާއި ދީނީ ގޮތުން ނަފްރަތު އުފެދޭ ގޮތަށް "ހޭޓް ސްޕީޗް" ފަތުރާ މީހުންނާއި އެހެން ގައުމުތަކުގެ ހަނގުރާމައަށް ދީނުގެ ނަމުގައި ގޮސް، މީހުންނަށް އަނިޔާ ކުރާ މީހުންނަށް މަދަނީ ބައެއް އެހީތެރިކަން ހުއްޓާލުމަށް ގާނޫނު ބަދަލު ކުރަން ޖެހޭ ކަމަށެވެ.
މިފަދަ މީހުންނަށް ލިބޭ ޚިދުމަތްތަކުގެ ތެރެއިން ހުއްޓާލުމަށް އިއުލާންކޮށްފައިވަނީ ހިލޭ ބޭސްފަރުވާ ކުރެވޭ "އާސަންދަ" ޚިދުމަތާއި ޕެންޝަން އަދި ބިމުގެ ހައްގުތަކާއި ގެދޮރުތަކުގެ ސްކީމްތަކާއި ލޯނު ސްކީމްތައް ފަދަ އާންމު ޚިދުމަތްތަކެވެ.
މުރުތައްދު ވެފައިވާކަން އިއުލާން ކުރި މީހެއް ކަމަށް ކަނޑައަޅާނީ ޝަރުއީ ކޯޓަކުން ކަމަށާއި، އަމިއްލަ ފަރުދުންނަށް އެހެން މުސްލިމަކީ މުރުތައްދު ވެފައިވާ މީހެއް ކަމަށް ކަނޑަނޭޅޭނެ ކަމަށް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އަދި މުރުތައްދު ވެފައިވާ މީހާ، މުރުތައްދު ވެއްޖެ ކަން ޝަރުއީ ކޯޓަކުން ކަނޑައަޅައި، ހުކުމްކޮށްފިނަމަ އޭނާ މުޖުތަމައުއާ އެކަހެރިކޮށް ޕެރޯލާއި ކްލެމެންސީ އިން މަހްރޫމް ކުރެވޭ ގޮތަށް ގަވާއިދު އިސްލާހު ކުރުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި އޮންނަނީ މުރުތައްދު ވެފައިވާ މީހަކަށް އަނބުރާ ދީނަށް ރުޖޫއަވުމަށް ފުރުސަތު ދިނުމުން ވެސް ރުޖޫއަ ނުވެއްޖެނަމަ ގަތުލުކުރުން ކަން ފާހަގަކޮށްލެވެއެވެ.
މިގޮތަށް އުސޫލު ކަނޑައަޅައި އިއުލާން ކޮށްފައިވަނީ، ފަހަކަށް އައިސް ދީނުގެ ނަމުގައި ހައްދު ފަހަނަޅައި ދާ މީހުން އިތުރު ވަމުންދާތީއެވެ. އެގޮތުން ސޯޝަލް މީޑިޔާ މެދުވެރިކޮށް، ގިނަ އަދަދެއްގެ ދިވެހިން އަންނަނީ ދީނުގެ ނަމުގައި ހަރުކަށި ފިޔަވަޅު(ޤަތުލު ކުރުމާ ހަމައަށް) އެޅުމަށް ފާޅުގައި ގޮވާލަމުންނެވެ.
އަދި ބައެއް މީހުން އަންނަނީ ފާޅުގައި އިސްލާމް ދީނަށް ހަޖޫ ޖަހައި، އިސްލާމް ދީން ދޫކޮށްލުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން ނަސާރާ ދީނާއި ބުދު ދީނަށް އަޅުކަން ކުރުމަށް ހިތްވަރުދީ ހަދަމުން އަންނަ ތަންވެސް މަދުން ނަމަވެސް ދިވެހި މުޖުތަމައުއިން ފެންނަމުން އަންނައިރު އެކަށީގެންވާ ފިޔަވަޅެއް އެޅޭ ތަނެއް ނުފެންނަކަން ފާހަގަކޮށްލެވެއެވެ.