Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އިދިކޮޅަށް ކަރެކްޝަނާ ބައްދަލެއް ނުކުރެވުނު

ކަރެކްޝަނަލް ސާވިސެސްއާ ބައްދަލުކުރުމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ކުރި މަސައްކަތަށް ކާމިޔާބެއް ނުލިބުނު ކަމަށް ޕާޓީތަކުން ހާމަކޮށްފިއެވެ.

ޖަލުގައި ބަންދުކޮށްފައިވާ އިދިކޮޅު އިއްތިހާދުގެ މެމްބަަރުންނާ މެދު އަމަލުކުރާ ގޮތާ މެދު ކަންބޮޑުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ކަރެކްޝަންސްގެ އިސް ފަރާތްތަކާ ބައްދަލުކުރަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް އެފަރާތުން ވަނީ އިދިކޮޅު ފަރާތްތަކާއި ބައްދަލުނުކުރެވޭނެ ކަން އަންގާފައެވެ. ސަބަބެއް ކަމަށް އަންގާފައިވަނީ ބައްދަލުކުރަން ބޭނުންވާ ފަރާތުން ހުށައަޅަން ޖެހޭ ފޯމު ހުށައަޅާފައިނުވާތީ ކަމަށް އިދިކޮޅުން ހާމަކޮށްފައިވެއެވެ.

ފޯމެއް ހުށައަޅަން އެންގި ނަމަވެސް ފޯމު ހުށައެޅުމުން، ކިތައް ދުވަސްތެރޭ ބައްދަލުވާނެ ކަމެއް، ނުވަތަ އެފަދަ އެއްވެސް މައުލޫމާތެއްވެސް ނުލިބުނު ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ޖަލުތަކުގައި ބަންދުކޮށްފައިވާ ލީޑަރުންނާއި އިދިކޮޅަށް ނިސްބަތްވާ ބޭފުޅުންނަށް އަނިޔާ ލިބެމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެފަރާތްތަކުގެ އާއިލާތަކުގެ ކަންބޮޑުވުން އެބަ ހުރި ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ކަރެކްޝަންސްގެ ފަރާތުން ޖަވާބުދާރީ ވުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.