Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

އައިލްސް އިންޓަޕާގެ މެމްބަރަކަށް

މޯލްޑިވްސް ޕޮލިސް ސަވިސްގެ އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިންޓަނޭޝަނަލް ޕޮލިސް އެކެޑެމީ އެސޯސިއޭޝަން (އިންޓަޕާ) ގެ މެމްބަރެއްގެ ގޮތުގައި ހަމަޖެއްސުމަށް އެއެ ސޯސިއޭޝަންގެ ޖެނެރެލް ކައުންސިލް މެމްބަރުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.

މި މަހުގެ 13-17 އަށް ސައުދި އަރަބިއްޔާގެ ރިޔާދުގައި ފެށިގެން ކުރިއަށްދާ އިންޓަޕާގެ ދެވަނަ އަހަރީ ކޮންފަރެންސްގެ ޖެނެރެލް ކައުންސިލް މެމްބަރުންގެ މެދުގައި އިއްޔެ ނެގި ވޯޓުގައި ބައިވެރިވި އެ އެސޯސިއޭޝަންގެ 34 މެމްބަރު ޤައުމުގެ ތާޢީދާ އެކު އައިލްސް މިހާރު ވަނީ އިންޓަޕާގެ 35 ވަނަ މެމްބަރުގެ ގޮތުގައި ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި ކޮމިޝަނަ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ރަޝީދު އާއި އައިލްސްގެ އެގްޒެކެޓިވް ޑައިރެކްޓަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަލީ ޝުޖާޢު ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އައިލްސް އިންޓަޕާގެ މެމްބަރު ޤައުމަކަށް ހަމަޖެހިގެން ދިއުމުން އައިލްސް އިން ހިންގާ އެކިއެކި ކޯސްތަކަށް އެ އެސޯސިއޭޝަންގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދާނެ އެވެ.
އަދި ފުލުހުންނަށް ރާއްޖޭން ބޭރުގެ އެކިއެކި ޕޮލިސް އެކެޑެމީތަކުގައި ތަޢުލީމާއި ތަމްރީނު ފުރުޞަތު ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ އެވެ.