ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމީދޫ ފުލުހުންނަށް ލިބުނު އިންޓަލިޖެންސް ރިޕޯޓަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަންގައި މިމަހުގެ 10 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ 22 އަހަރު ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓު ފެނުމާއި ގުޅިގެންނެވެ.
މީގެ އިތުރުން އެދުވަހު ހިންގި ދެވަނަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ދެފިރިހެނުންނާއި 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިތިންމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 03 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ފުލުހުން ހިންގި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 29 އަހަރުގެ ދެމީހުންނާއި 33 އަހަރުގެ މީހާ ދޫކޮށްލާފައިވާއިރު 22 އަހަރުގެ މީހާ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.
މިމައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.