ހުޅުމީދޫގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ހަދާފައިވާ ކުނި ކޮށީގައި ރޯވެ، އެތަނުގެ އިމާރާތަށާއި ބައެއް ތަކެއްޗަށް ގެއްލުން ލިބުނު ނަމަވެސް ކުނި ނެގުމުގެ ހިދްމަތަށް އެއްވެސް ކަހަލަ ބުރުލެއް ނާރާކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯގެ ޑިރެކްޓަ އޮފް އޮޕަރޭޝަންސް ފާތުމަތު ޝަމްވީލާ ވިދާޅުވީ ކުނި ކޮށީގައި ރޯވި މައްސަލަ އާއި ލިބުނު ގެއްލުމުގެ ތަފްސީލް އަދި ސާފެއް ނުވާކަމަށާއި އެކަމުގެ އެސަސްމެންޓެއް އެމްއެންޑީއެފް އާއި ފުލުހުން ހަދަމުން އަންނަ ކަމަށެވެ.
ޝަމްވީލާ ވިދާޅުވީ ކުނި ކޮށީގައި ރޯވެފައިވަނީ ރީސައިކަލް ކުރަން ގެނެސްފައި ހުރި ކުނިތަކެއްގައި ރޯވެގެންކަމަށް ބެލެވޭކަމަށެވެ.
އިއްޔެ މެންދުރު 2:40 ހާއިރު ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ހުޅުމީދޫ ފަޔަރ އެންޑް ރެސްކިއު އާއި ފުލުހުން އަދި އާއްމުން ގުޅިގެން ކުރި މަސައްކަތުންނެވެ. މިހާދިސާގައި ވެމްކޯގެ އޮފީހުގެ ބައެއް ސާމާނާއި މެޝިނަރީތައް ވަނީ ސަލާމަތް ކުރެވިފައެވެ.