Last Updated: June 12, 06:38
Friday, June 12, 2026
ކުޅިވަރު

ރޮނާލްޑޯގެ ޕެނަލްޓީން ރެއާލް ސެމީއަށް

ރޮނާލްޑޯ އޭނާގެ 97 ވަނަ މިނެޓުގެ ޕެނަލްޓީ ޖެހުމަށްފަހު އުފާ ފާޅުކުރަނީ: ފޮޓޯ- ރޮޑްރިގޯ ހިމެނޭޒް،/އީޕީއޭ

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާއި ޔުވެންޓަސް ކުޅުނު މެޗުގެ ދެވަނަ ލެގުން 3-1 އިން ރެއާލް ބަލިވި ނަމަވެސް، އެގްރިގޭޓު ނަތީޖާ 3-4 އިން މޮޅުވެ ސެމީގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ލެގު އިޓަލީގައި ކުޅެ، ފަސޭހަކަމާއެކު 0-3 އިން މޮޅުވެ ރެއާލް ވަނީ ދެވަނަ ލެގު މާ ބޮޑަށް ފަސޭހަކޮށްލާފައެވެ. ނަތީޖާއަކަށް ވީ ޔުވެންޓަސް މެޗު ފަށައިގެން ވަގުތުން ލަނޑެއް ކާމިޔާބު ކުރުމެވެ. މާރިއޯ މަންޒޫކިޗް 2 ވަނަ މިނެޓުގައި ޖެހި ލަނޑުން ޔުވެންޓަސްއަށް ހިތްވަރު ލިބިގެން ދިޔައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި އަނެއްކާވެސް ރެއާލް ކޮޅަށް ލަނޑު ޖެހީ މަންޒޫކިޗްއެވެ. އޭނާގެ ދެ ލަނޑާއެކު ޔުވޭ ކުރީގައި އޮވެ ހާފު ނިންމާލާފައިވާއިރު ދެ ވަނަ ހާފު ފެށިގެން ފުރަތަމަ ފަނަރަ މިނެޓު ތެރޭ މަޓުއިޑީ ވަނީ ތިންވަނަ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.

އެގުރިގޭޓު ނަތީޖާ 3-3 އަށް ބަދަލުވެ، އެވޭ ގޯލުންވެސް ދެ ޓީމު އެއްވަރުވިއެވެ. މިހިސާބުން ފުރުސަތު ބޮޑުވެގެން ދިޔައީ ޔުވޭއަށެވެ. ސަބަބަކީ އިތުރު އެއް ލަނޑު ޖަހައިފިނަމަ ރެއާލްއަށް މެޗުން މޮޅުވުމަށް އިތުރު ދެ ލަނޑު ބޭނުންވާނެތީއެވެ.

މެޗުގެ ފޯރި ގަދަވެ، ދެ ޓީމުންވެސް ކޮޅަށް ލަނޑެއް ވަނަ ނުދީ އިތުރު ލަނޑެއް ކާމިޔާބުކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް 90 މިނެޓު ހަމަވީއިރުވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހި އެންމެ ފަހުން ޔުވޭގެ ކީޕަރު ގިއަންލުއީގީ ބުފަންއަށް ރެފްރީ ވަނީ ރަތް ކާޑު ވެސް ދައްކާފައެވެ.

ރެއާލް މެޗުން މޮޅުވީ ލޫކަސް ވަޒްކޭޒް ޕެނަލްޓީ އޭރިޔާ ތެރެއިން ވައްޓާލުމުން ރެފްރީ ދިން ޕެނަލްޓީއެއްގެ ސަބަބުންނެވެ. މުބާރާތުގެ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ލަނޑު ޖެހި ކްރިސްޓިއާނޯ ވަނީ ހުށިޔާރު ކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި، ރެއާލް ސެމީއަށް ފޮނުވާފައެވެ.