ކޮންޓްރެކްޓް އުސޫލުން އައްޑޫގައި ޒަކާތުގެ މަސައްކަތް ކުރާނެ މުވައްޒަފުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ އާމިލުންގެ ގޮތުގައި ބޭނުން ވަނީ އައްޑޫގެ ހަތަރު ދާއިރާއަކުން ކޮންމެ ދާއިރާއަކުން ދެ މީހުން ކަމަށެވެ. އެއީ ޖުމްލަ 8 މީހުންނެވެ.
އެހެންވެ މިކަމަށް ޝައުގުވެރިވާ މީހުންނަށް ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ވަޒީފާ އަށް އެދޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ވެބް ސައިޓް www.islamicaffairs.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ އިސްލާމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓްގަ އެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ނަގާ މުވައްޒަފުންނަށް މަސައްކަތަކަށް ނުކުންނަ ކޮންމެ ދުވަހަކަށް 350ރ. ލިބޭނެ އެވެ.
އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ވެސް ލިބޭނެ އެވެ.
މުވައްޒަފުން ހޮވާ އިންޓަވިއު އާއި ޕްރެކްޓިކަލް މި މަހުގެ 23-26 އަށް އޮންނާނެ އެވެ. އެހެންވެ ވަޒީފާއަށް ކުރިމަތިލާ މީހުން، އެ ތާރީޚުތަކުގައި އިންޓަވިއު އާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ވަޒީފާ އަށް އެދޭ މީހުންގެ އަދަދު 10 އަށް ވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރާނެ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 6880868 އަދި 3020200 ނަންބަރުން ހޯދޭނެ އެވެ.