ސިޔާސީ ޕާޓީތަކަށް އަންނަ މަހު ފައިސާ ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުން، ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭނެ އެވެ. އަދި އެ ފައިސާ އަހަރުގެ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް ދޭން ޖެހޭނެ އެވެ.
ނަމަވެސް މި އަހަރުގެ ހަތަރު ވަނަ މަހާ ހަމައަށް އައި އިރު ވެސް، ފައިސާ ދޫނުުކުރާތީ އިދިކޮޅު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅު ކުރަން ފަށައިފަ އެވެ.
އީސީގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައި ވަނީ 6 ސިޔާސީ ޕާޓީއެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި އެމްޑީއޭ އާއި ޖުމްހޫރީ ޕާ ޓީއާއި އަދާލަތު ޕާޓީ އާއި ޑީއަރްޕީއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ 4 ޕާޓީގަ އެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީ އެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރަނީ ދައުލަތުގެ ބަޖެޓުން 0.1-0.2 ޕަސަންޓް ދެމެދުގެ ޢަދަދެކެވެ.