Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

"އިންތިޚާބާ މެދު ސުވާލު އުފައްދަނީ ބަލިވާނެތީ"

photo: mihaaru news

އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަން ނުވާނެ ކަމަށް ބުނެ ސުވާލު އުފައްދަނީ އިންތިޚާބުގައި ވާދަކޮށްފިނަމަ ބަލިވާނެ ކަން ޔަގީންވާތީ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކަށް ތާއީދު ގެއްލިއްޖެކަން އިހުސާސް ވެއްޖެ ކަމަށާއި އެހެންކަމުން ރިޔާސީ އިންތިޚާބަށް ދާކަށް އިދިކޮޅުން ބޭނުން ނުވާ ކަމަށެވެ.

"އެބޭފުޅުނަށް އެނގޭ އިންތިހާބުގައި ވާދަކޮއްފިޔާ ބޮޑު ތަނުން ބަލި ވާނެކަން, އެބޭފުޅުނަށް މިހާރު ރައްޔިތުންގެ ތާއީދު ގެއްލިއްޖެ"

އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބު މިނިވަން ވާނޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައެވެ. އަދި އިންތިޚާބަށް ދާނީ ވެރިކަން ވައްޓާލައި، އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށް ފަހުގައި ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ.

އެމްޑީޕީއާއި ޖޭޕީ އަދި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނަށް ތާއީދުކުރާ ޕީޕީއެމްގެ ފެކްޝަނެއް އެއްކޮށް މަސައްކަތް ފަށައި، އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިދިކޮޅުން ބުނެފައިވަނީ ކެންްޑިޑޭޓު އިޚްތިޔާރު ކުރެވިފައިވާ ކަމަށާއި ނަމަވެސް އިއުލާން ކުރާ ވަގުތު އަދި ނުޖެހޭ ކަމަށެވެ.

އަދި ލީޑަރުންނަށް މިވަގުތު މުހިންމީ ވެރިކަން ނޫން ކަމަށާއި، ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް ހުރިހާ ލީޑަރުންވެސް އެކުގައި މަސައްކަތް ފަށާފައިވާ ކަމަށް އިއްތިހާދުން ބުނެފައިވެއެވެ.