ސުޕުރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާ ވިރާސީ ބާރުގެ ބޭނުންކޮށްގެން މިހާރުން މިހާރަށްވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަން ކުރުމުގެ އަމުރު ނެރެން ޖެހޭކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ހުންނަވައި ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ ސުޕުރީމް ކޯޓުގެ ދެން ތިއްބެވި ތިން ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނަމަ އެކޯޓަށް ލިބިފައިވާ ވިރާސީ ބާރުގެ ބޭނުންކޮށްގެން އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބުދުﷲ ސައީދު މިނިވަންކުރުމަށް އަމުރެއް ނެރެންޖެހޭކަމަށެވެ.
ކުރިން ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއަށް ބާރު ފޯރުވައި އިންސާފުވެރި ޝަރިއަތެއް ހިންގުމަށް ހުރަސް އެޅުމަށްކަމަށެވެ.
އެގޮތުން ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އާއިލާގެ މެމްބަރުން ރަހީނު ކުރުމަކީ ތަހްޒީބް އެއްވެސް މުޖްތަމައުގައި ކަންކަން ކުރާ އުސޫލެއް ނޫންކަމަށެވެ.
ޖަމީލް ވިދާޅުވީ ގާނޫނު އަސާސީ އާއި ހިލާފަށް ފަނޑިޔާރުން ހައްޔަރުކޮށް ހިންގާ ހުރިހާ އިޖްރާއަތްތަކަކީވެސް ގައިރުގާނޫނީ ކަންކަންކަމަށެވެ.
ފަނޑިޔާރުންގެ މައްޗަށް ތަފާތު ތުހުމަތުތައް ކޮށް ޝަރިއަތް ކުރުމަށް ކޯޓަށް ހާޒިރުކުރާ ހިސާބަށް ކަންކަން ދިއުމުން ސުޕުރީމްކޯޓްގައި ދެން ތިއްބެވި ފަނޑިޔާރުން ލަދުވެތިވާންޖެހޭކަމަށެވެ.