Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ބީއެމްއެލްގެ ސާފު ފައިދާ މި ފަހަރު ވެސް އެއް ބިލިއަނަށް

ގައުމީ ބޭންކު ބީއެމްއެލްގެ ސާފު ފައިދާ މިފަހަރުވެސް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެއެވެ.

މިއީ ޖެހިޖެހިގެން ބޭންކުގެ އެއްބިލިއަން ރުފިޔާގެ ފައިދާ ހޯދި ދެވެނަ އަހަރެވެ. ބޭންކުން ވަނީ 2016 އަހަރުވެސް ބިލިއަން ރުފިޔާގެ ފައިދާ ހޯދާފައެވެ.

ބީއެމްއެލްއިން މިއަދު ނެރުނު އަހަރީ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ 2017 ވަނަ އަހަރު އެކުންފުންޏަށް ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އުނިކުރުމަށްފަހު 1.038 ބިލިއަން ރުފިޔާ ލިބިފައިވާ އިރު 2016 ވަނަ އަހަރު އެކުންފުންޏަށް ވަނީ 1.023 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2016 ވަނަ އަހަރަށް ވުރެ 2 ޕަސެންޓް އިތުރު އަދަދެކެވެ.

ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 8 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް 15 ޕަސެންޓް އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 15 ބިލިއަން ރުފިޔާ ޑިޕޮސިޓް ކޮށްފައިވެ އެވެ.

ބޭންކުން ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މުޅިން އަލަށް މިދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވަނީ 4.4 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ އުފެއްދުންތެރި ނޫން ލޯންގެ ނިސްބަތް، 4.1 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށެވެ. މިދިޔަ އަހަރު ފެށުނު އިރު އެ އަދަދު ހުރީ ހަތް ޕަސެންޓްގަ އެވެ. އަދި މީގެ ތިން އަހަރުކުރިން އެ އަދަދު ހުރީ 20 ޕަސެންޓްގަ އެވެ.

ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ޖެހިޖެހިގެން ދެ އަހަރު ކުންފުނީގެ ފައިދާއަށް އެެއް ބިލިއަން ލިބުމަކީ ބޭންކާއި މެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާކަމެއް ކަމަށެވެ. އަދި ބޭންކުން ދިވެހި މުޖުތަމުއުތަކަށް ކުރަމުންދާ އިންވެސްޓްމަންޓް ދެ ގުނަ އިތުރުކުރެވިފައިވާ ކަމަށާއި މިއަހަރުތެރޭގައިވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ފެނިގެންދާނެކަމަށް އެންޑްރޫ ވިދާޅުވި އެވެ.