ޝަރީއަތް ނިމެންދެން ކަމަށް ބުނެ ފަނޑިޔާރުން ބަންދުކޮށްގެން ފުލުހުނަށް ނުގެންގުޅޭވޭނެ ކަމަށާއި، ފަނޑިޔާރުން ހައްޔަރުކޮށްފައި ތިބިތިބުން ގޯސްކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
"ޔާމީންގެ ޖަލު އަނިޔާ ހުއްޓުވާ" ނަމުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ ހައިކޯޓުގެ ނިންމުމެއްގައި ފަނޑިޔާރުން ހައްޔަރުކޮށް ބޭތިއްބުމަކީ ތަރައްތުބު ނިންމުމެއްކަމަށް ނިންމާފައިވާ ކަމަށާއި އެހެންވެއްޖެ ނަމަ އެއާއިއެކު އަންނަ ނިންމުންތަކަކީ ބާޠިލް ނިންމުންތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ހައިކޯޓުގެ އެނިންމުން އެހެން އޮތްވާ ފަނޑިޔާރުންނާއި މެދު ނިންމާ ކޮންމެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށާއި ސަރުކާރުން ސްޕުރީމް ކޯޓުގެ ފަނޑިޔާރުން ވަގުތުން ވަގުތަށް ދޫކޮށްލަން ޖެހޭކަމަށެވެ.
ރޭގެ ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ މިހާރުން މިހާރަށް ދެކަމެއް އިސްލާހު ކުރަންޖެހޭކަމަށާއި އެދެކަމަކީ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމު ކުރުމާއި ޖަލުތަކުގެ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.
ރާއްޖޭގެ ކަންކަން ހައްލުނުވެގެން އުޅެނީ މުވައްސަސާތައް ނެތިގެން ނޫންކަމަށާއި މުވައްސަސާތަކުގެ ދައުރު އަދާ ނުކުރެވިގެންކަމަށެވެ. އެގޮތުން ޖަލުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަކަން ވަކީލުންގެ ފަރާތުން ހިއުމަން ރައިޓްސް ކަމިޝަނަށާއި އެހެން މުވައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ޖަލުތަކުގައި އަނިޔާ ނުކޮށް ކުއްވެރިނަށް ހުކުމް ތަންފިޒު ކުރެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށާއި، ޖަލުގައި ކުރާ އަނިޔާގެ ވާހަކަ މިހާރު މި ދައްކަނީ އަނިޔާކުރުން އިންތިހާއަށް އިތުރުވެފައިވާތީ ކަމަށެވެ.
ޝަމީމް ވިދާޅުވީ ގައުމުގެ ކަންކަން ހުރި ގޮތުން ހާކިމާގެ މައްޗަށް ޝަރީއަތް ކުރާ ދުވަސް އަންނާނެކަމަށާއި، މި ވާހަކަ ދައްކަނީ އެދުވަހުން ހާކިމާގެ މައްޗަށްވެސް އަނިޔާވެރި ނުވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.
ޝަމީމް ވިދާޅުވީ ވަކީލުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ޖަލުތަކުގައި ކުރާ ގާނޫނާ ހިލާފު އަމަލުތަކުގެ ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އެކަންކަމުގައި އިހްމާލުވާ ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ.