Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

ޔާމީން ޚިޔާލު ހޯދަން ޓީމްތަކާ ބައްދަލު ކުރަނީ

މި އަހަރުގެ ސެމްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލުމަށް، އެކި ދާއިރާތަކުގެ ޓީމުތަކާ ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރައްވައި، ޚިޔާލު ހޯއްދަވަން ފައްޓަވައިފި އެވެ.

ޕީޕީއެމުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ބައެއް މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

އެގޮތުން ޕީޕީއެމް އިން ކެމްޕޭންގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ ޓީމުތައް އެކުލަވާލަމުން އަންނަ އިރު، ރައީސް ޔާމީން ވެސް ގެންދަވަނީ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން އެކި ޓީމުތަކާ ބައްދަލު ކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރޭ ޕީޕީއެމްގެ އޮފީހުގައި، ވިލިމާލޭގެ ޓީމަކާ ބައްދަލު ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި އެކި ދާއިރާތަކުގެ ޓީމުތަކާ ބައްދަލުކުރައްވައި ރައީސް ޔާމީން ޚިޔާލު ހޯއްދަވަން ފެއްޓެވިތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

ޚަލީލް ވިދާޅުވީ ރައީސް ޔާމީނަކީ، ރައްޔިތުންނާ ވީހާ ވެސް ގާތުން، ޚިޔާލު ހޯއްދަވައިގެން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށެވެ.

ބައެއް ރަށްތަކުގައި މިހާރު ވެސް ފޯރިގަދަ ޖަލްސާތައް ބާއްވަމުން އަންނަ ކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތައް ފުޅާކުރާނެ ކަމަށެވެ. އެއާއެކު، ރަސްމީކޮށް ކެމްޕޭން ލޯންޗްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.