ރިޔާސީ އިންތިހާބު ކަނޑައެޅިފައިވާ ތާރީހުގައި ބޭއްވޭނެ ކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކަމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކަނޑައެޅިފައިވާ ޝެޑިއުލް އާއި އެއްގޮތަށް އިންތިހާބު ބޭއްވޭނެ މާހައުލެއް އެބައޮތްކަމަށެވެ. އަދި އިންތިހާބް ފަސް ކުރުމަށް އެއްވެސް ފަރާތަކުން މިހާތަނަށް އެދިފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަން ކަމިޝަނުން އަންނަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު އަންނަ ޖުލައި މަހުގެ ތެރޭގައި ވޯޓާސް ލިސްޓު އާއްމު ކުރާނެކަމަށެވެ.
ރިޔާސީ އިންތިހާބާއި ގުޅިގެން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ފަށާފައިވާ ކަމަށާއި، މިދިޔަ ރިޔާސީ އިންތިހާބާއި ގުޅިގެން ސުޕުރީމް ކޯޓުން ނެރުނު ގައިޑް ލައިނާއި، ޔޫރަޕިއަން ޔުނިއަންއިން އިސްލާހު ކުރަން ދީފައިވާ ލަފާތައް އިސްލާހުކޮށް، އިންތިހާބާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް މަޖްލިސްއަށް ހުށަހަޅައި ފާސް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.