Last Updated: June 28, 09:36
Sunday, June 28, 2026
ޚަބަރު

ސަޓާ 2018 އަށް އީކްއޭޓަ ވިލެޖް ނޮމިނޭޓްވެއްޖެ

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ ދެ ކެޓަގަރީއަކުން ގަމުގެ އީކްއޭޓަ ވިލެޖް ނޮމިނޭޓްވެއްޖެ އެވެ.

އެތަން ނޮމިނޭޓްވީ "ލީޑީން ބުޓިކް ހޮޓެލް" އާއި "ލީޑިން އެއާޕޯޓް ހޮޓެލް" ކެޓަގަރީން އަށެވެ.

ކައިމޫން ހޮޓެލްސް އިން ހިންގާ އީކްއޭޓަ ވިލެޖަށް މި ފަހުން ގެނައި ބޮޑެތި ބަދަލުތަކާ އެކު، އެތަނުގެ މަގުބޫލްކަމާއި މަޝްހޫރުކަން މިހާރު ވަނީ ޓޫރިސްޓުންގެ މެދުގައި ވަަރަށް ބޮޑުވެގެން ގޮސްފަ އެވެ.

ގަން އެއާޕޯޓް ވެސް ހިންގާ ރަށުގައި ހިންގާ އީކްއޭޓާގައި މިދިޔަ އަހަރު ވަނީ ސަޓާ އެވޯޑްގެ ދެވަނަ އެޑިޝަން ވެސް ބާއްވައިފަ އެވެ.

ސަޓާ އެވޯޑަށް މި ފަހަރު އައްޑޫން ނޮމިނޭޓުވެފައިވާ ހަމަ އެކަނި ތަނަކީ ވެސް އީކްއޭޓަ ވިލެޖެވެ. އެހެންވެ ވޯޓް ދިނުމުގެ ފުރުސަތު ވެސް އާންމުންނަށް މިހާރު އެބަ އޮތެވެ. ސަޓާގެ ވެބްސައިޓް މެދުވެރިކޮށް ވޯޓް ދެވޭނެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު މުމްބާއީގައި ބާއްވާ ސަޓ އެވޯޑްސް އަށް 50 ދާއިރާއަކުން ޖުމްލަ 500 އަށް ވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޝަން ހުށަހަޅައިފަ އެވެ.

ރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގެ އިތުރުން ބޫޓާންގެ ބޮޑެތި ހޮޓެލް ބްރޭންޑުތަކުން މި ފަހަރު ނޮމިނޭޝަން ހުށަހަޅާފައިވެ އެވެ. ނޮމިނޭޝަން ހުޅުވައިލީ 10 ސެގްމެންޓަކުން، 36 ކެޓަގަރީ ހިމެނޭ ގޮތަށެވެ.

ސަޓާ އިންތިޒާމް ކުރާ ހައި ރައިޒުން ބުނީ ޖޫން 30 ގެ ނިޔަލަށް އޮންލައިން ވޯޓިންގް ކުރިއަށް ދާނެ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ޓްރެވެލް އެވޯޑްސްގައި ވެސް އީކްއޭޓަ ވިލެޖް ވަނީ ލީޑިން އެއާޕޯޓް ސިޓީ ހޮޓެލްގެ އެވޯޑް ހޯދައިފަ އެވެ.