ސިވިލް ސަރވިސްގެ ޚިދުމަތުގައި ތިބި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ، އެ މުވައްޒަފުންގެ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށާއި، ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް އިތުރުކުރަމުން ގެންދަވަނީވެސް، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި "ސިވިލް ސަރވިސް ކޮންފަރެންސް 2018" ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖިހާދު ވިދާޅުވީ ރާއްޖެފަދަ ކުދިކުދި ޖަޒީރާތަކަކުން އުފެދިފައިވާ ޤައުމެއްގައި، ރައްޔިތުން ބޭނުންވާ މިންވަރަށް، އަދި ފެންވަރަށް ޚިދުމަތް ދިނުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމެއްކަމަށާއި، ބަވަނަވަމުންމިދާ ދުނިޔޭގައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ސިވިލް ސަރވިސްއިން އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަދި، ތަރައްޤީގެ މަގުގައި ފައި ހަމަކޮށް، ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ ކުރިޔަށް ދެވޭނީ، ޚިދުމަތުގެ ފެންވަރު ކެނޑިނޭޅި ތަރައްޤީ ކުރަމުން ގެންގޮސްގެންކަމުގައި ވެސް ޖިހާދު ވިދާޅުވިއެވެ.
ސިވިލް ސަރވިސްގެ ޚިދުމަތް ލިބިގަންނަ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އިވެމުންދާ ޝަކުވާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޖިހާދު ވިދާޅުވީ ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ އެންމެ ބޮޑު އެއް އަސާސަކީ، ޚިދުމަތާ ގުޅޭ މީހުންގެ ފެންވަރު ރަނގަޅުކޮށްގެން ކަމަށެވެ.
އެގޮތުން، މަސައްކަތަށް އެކަށޭނަ، ހުނަރު ހުރި، އެންމެ ޤާބިލު ފަރާތައް ވަޒީފާ ހަމަޖެހިގެންދިއުން ނުވަތަ "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް" ނިޒާމެއްގެ ދަށުން ވަޒީފާތަކަށް ބޭނުންވާ މީހުން ޢައްޔަން ކުރެވިގެން ދިއުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި، މިއީ މި ކޮންފަރެންސްގައި މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ މައިގަނޑު ތީމުތަކުގެ ތެރެއިން އެއް ތީމުކަމުގައިވެސް ޖިހާދު ފާހާގަކުރެއްވިއެވެ.
މީގެ އިތުރުން ޖިހާދު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެންމެ ބޮޑަށް ބޭނުންކުރެވިދާނެ އެއްޗަކީ ޓެކޮނޮލޮޖީކަމަށާއި، ސިވިލް ސަރވިސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް ބަލަންވީ، ޓެކްނޮލޮޖީގެ ބޭނުންހިފައި، ކަރުދާސް ވީހާވެސް މަދުކޮށް، ޢާންމު ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްކަމުގައެވެ.
އަދި ސިވިލް ސަރވިސް މުވައްޒަފުންނަކީ، އެ ވަގުތަކު އޮތް ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދޭން ތިބި ބައެއްކަމަށާއި، ތަފާތު ވިސްނުމުގެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބޭނެކަން ގަބޫލުކުރާހިނދު، ޤައުމަށްޓަކައި، ނޫނީ ރައްޔިތުންނަށްޓަކައި ދެވޭ ޚިދުމަތަކަށް އޭގެ އަސަރު ފޯރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަން ވެސް ޖިހާދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، އޮފީސްތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، މަސައްކަތުގެ މާހައުލު ކިލަނބުކޮށް ހަދާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަންޖެހޭކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.