Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

އައިވަރީ ކޯސްޓާ ސިޔާސީ ގުޅުން ގާއިމްކޮށްފި

ދިވެހިރާއްޖެ އާއި އައިވަރީ ކޯސްޓާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެ އާއި އައިވަރީ ކޯސްޓް، ނުވަތަ ކޮޓްޑިވުއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފިއެވެ.

ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކުރުމުގެ ލިޔުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުގައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ، އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ. ކޮޓްޑިވުއާގެ ފަރާތުން ސޮއިކުރެއްވީ އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ޤައުމުގެ ދާއިމީ މަންދޫބު މިސްޓަރ ބާރނާޑް ޓަނޫހް-ބޫޗޯއާ އެވެ.

ކޮޓްޑިވުއާއާއެކު ސިޔާސީ ގުޅުން ގާއިމުކުރެވުމުން، ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުގެ އަދަދަކީ 167 އެވެ.

ކޮޓްޑިވުއާއަކީ ހުޅަނގު އެފްރިކާގެ ޤައުމެކެވެ. އާބާދީގައި ގާތްގަނޑަކަށް 24 މިލިއަން މީހުން އުޅޭ މި ގައުމުގެ ގިނަ މީހުންނަކީ މުސްލިމުންނެވެ. ސިޔާސީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް، ދިވެހިރާއްޖެއާއި ކޮޓްޑިވުއާއަކީ ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ދެ ގައުމެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި އ.ދގައި ބަހުސްކުރެވޭ ގިނަ މައްސަލަތަކުގައި އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދެމުން އަންނަ ދެ ޤައުމެވެ.