Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ސިޔާދަށް ދައުވާ ކުރުން ހުތުރު: ނަޝީދު

ސިޔާދު ޤާސިމް ކޯޓަށް ގެނައުމަށް ދޫނިދޫއިން މާލެ ގެންނަނީ -- ފޮޓޯ : ރާއްޖެއެމްވީ (މުހައްމަދު ޝަރުހާން)

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސިޔާދު ޤާސިމްގެ މައްޗަށް ދައުވާކުރުމަކީ އެއް ގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވީ އިބްރާހިމް ސިޔާދު ޤާސިމްގެ މައްޗަށް ދައުވާ ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން ކަމަށާއި، ސިޔާދު ޤާސިމް އަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ދަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދަރިންގެ ހިތްވަރު ހުންނާނެ، އެކަމަކު އަޅުގަނޑުމެންގެ ތަފާތުތައް ދަރިންނާއި ހަމަޔަށް ގެންދިޔުން ބުއްދިވެރިއެއް ނޫން،" ކަމަށް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ސިޔާދު ވަގުތުން ދޫކޮށްލުމަށް ވެސް ގޮވާލައްވާފައެވެ.

ރައީސް ނަޝީދު ވަނީ ސިޔާދު ހައްޔަރުކުރުމާއި އެކު ފެބްރުއަރީ 7 ވަނަ ދުވަހު ވެސް އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

ސިޔާދުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އެގޮތުން ވިލާ ކުންފުނި މެދުވެރިކޮށް ވެރިކަން ބަދަލުކުރުމަށް އެކި ފަރާތްތަކަށް ރިޝްވަތު ދިން ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ ކޮޓަރިތެރެެއިން ފެނުނު ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގެ ލެޓަރ ހެޑްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ސޮއި ކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށާއި، އެ ސޮޔަކީ ސިޔާދުގެ ސޮއިކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުވާ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.