Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

ސިޒޭރިއަަނަށް ފަހު ހާލު ދެރަވި މީހާ ލަންކާ އަށް!

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވިއްސަން ގެންދިޔަ އަންހެނަކު ނުވިއްސިގެން ސިޒޭރިއަން ހެދުމުގެ ތެރޭގައި ހަށިގަނޑުގެ ނާރެއް ބުރިކޮށްލައިގެން ލޭމަނާ ނުވެގެން މާލެ ގެންދިޔަ މީހާ އިތުރު ފަރުވާއަށް ލަންކާއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާއިލާ އިން ބުނެފި އެވެ.

ބަލި މީހާގެ ފިރިމީހާ މިއަދު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެމުން ބުނީ މާލެ ގެނެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރި ފަހުން އަންހެންމީހާ ސްޓޭބަލްކަމަށެެވެ. ނަމަވެސް ބުރިވެފައިވަނީ ކޮން ގުނަވަނަކާއި ގުޅިފައިވާ ނާރެއްކަން އެނގޭނެ ގޮތެއް ނެތް ކަމަށެވެ.

"މާލެ ގެނައި ފަހުން ސްޓޭބަލްކޮށް އޮތީ. އެކަމަކު މިކޮޅު ޑޮކްޓަރުންނަކަށް ނޭނގޭ ކޮން ގުނަވަނަކާއި ގުޅިފައި ހުރި ނާރެއްކަން ބުރިވެގެން އުޅެނީ. އެހެންވެ އިތުރު ފަރުވާއަށް ލަންކާއަސް ގެންދަން މި އުޅެނީ." އޭނާ ބުންޏެވެ.

އޭނާ ބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ސިޒެރިއަން ހެދުމަށް ފަހު މިކޮޅަށް ފޮނުވި ރިޕޯޓްގައި ވަނީ ހާދިސާ ހިނގައި ދިޔަ ގޮތް އޮޅުވާލާފައި ކަމަށެވެ. އަދި ނާރެެއް ބުރިވި ކަމަށް ލިޔެފައި ނެތް ކަމަށެވެ.

"ހޮސްޕިޓަލުން ދިން ރިޕޯޓްގައި ނެތް ނާރެއް ބުރިވިކަމަށް، އޭގައި އޮތީ ސިޒޭރިއަން ހެދުމުގެ ތެރޭގައި ބްލީޑްވީކަމަށް"

އޭނާ ބުނީ ހަގީގަތް އޮޅުވާލާފައި އޮތުމުގެ ސަބަބުން ބަލިމީހާއަށް ފުރިހަމަ ފަރުވާ ދިނުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެަފއިވާކަމަށެވެ.

"މި ގޮތަށް ރިޕޯޓް އޮތުމުން ކިހިނެތްތޯ ފުރިހަމަ ފަރުވާ ބަލި މީހާ އަށް ހޯދާނީ؟ ދެން ބަލާ ޑޮކްޓަރަކަށް ކިހިނެތްތޯ އެގޭނީ ވާނުވައެއް؟" އޭނާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލުން ބަލި މީހާ ފުރުވި އިރު އާސަންދައިގެ ދަށުން ބަލިމީ ހާއަށާއި އެހީތެރިއާ އަދި ޑޮކްޓަރާއި ނަރުހާ އެކު ޖުމްލަ ހަތަރު މީހުންނަށް މާލެ ދިއުމަށް ޓިކެޓް ހަމަޖެހިފައިވާ ކަމަށް ބުނި ކަމަށެވެ. ނަމަވެސް ފުރަން އެއާޕޯޓަށް ދިއުމުން ނަރުހާއި އޭނާގެ ޓިކެޓް ނަގަން ޖެހުނީ އަމިއްލަ އަށް ކަމަށެވެ.

"ހޮސްޕިޓަލުން މާލެ ފޮނުވަން މަސައްކަތް ކުރިއިރު ބުނީ 4 މީހުންގެ ޓިކެޓް ހަމަޖައްސާނެ ކަމަށް، އެކަމަކު ދެ މީހުންނަށް ޓިކެޓް ދިނީ،" އޭނާ ބުންޏެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރުގެ މައްސަލާގައި މިއަދު އެމްޑީޕީން މުޒާހަރާ އަށް ނިކުންނަ އިރު އަންހެނުން ޑޮކްޓަރަކީ މީހަކު ނުވެގެން ބަހައްޓާފައި ހުރި މީހެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.