މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭގި ގެއްލުނު މައްސަލައިގެ ޝަރީއަތަށް ހެކިން ހާޒިރު ނުކުރެވިގެން މިއަދު ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
ރިލްވާން ގެއްލުނު މައްސަލާގައި ގަދަކަމުން ރަހީނު ކުރިކަމުގެ ދައުވާ އުފުލާފައިވަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ބުނީ މި މައްސަލައިގެ އަޑުއެހުމެއް މިއަދު 3 ޖަހާއިރު ބާއްވަން ތާވަލް ކުރި ނަމަވެސް ހެކިން ހާޒިރު ނުކުރެވިގެން އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
ރިލްވާންގެ މައްސަލާގައި ދައުލަތުން އުފުލާފައިވާ މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ހެކިން ހާޒިރު ނުކުރެވިގެންވަނީ ކެންސަލު ކުރަން ޖެހިފައެވެ.
މި މައްސަލާގައި މިހާތަނަށް ގިނަ ބައެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އެގޮތުން ރިލްވާންގެ އާއިލާގެ މެމްބަރުންގެ އިތުރުން ރިލްވާން ދިރިއުޅެމުން ދިޔަ ފްލެޓް ކައިރީ ދިރިއުޅުނު ބައެއް މީހުންގެ އިތުރުން ރިލްވާން އެރުވިކަމަށް ބުނާ ރަތްކުލައިގެ ކާރު ހުޅުމާލެ އަދި މާލެ ގެންދިޔަ އެމްޓީސީސީ ފެރީގެ ކެޕްޓަނުންގެ އިތުރުން ނޫރައްދީންގެ ދެ އެކުވެރިއެއްގެ ހެކިބަސް ވަނީ ނަގާފައެވެ.
ރިލްވާން ގެއްލިފައިވަނީ 2014 އޮގަސްޓު މަހުގައެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ރިލްވާންގެ އެއްވެސް ހަބަރެއް ވެފައިނުވެއެވެ.