ޚަބަރު

އަލީގެ މެސެޖް: ގޮތެއް ހުހެއް ނުވާނެ!

"އެއްޗެއްކޭ ބުނާއިރަށް ވަޒީފާއިން ވަކިކޮށްފާނެއެވެ. އޭރުން އަހަރުމެން ކައިބޮއެ އުޅޭނީ ކިހިނެތް ހެއްޔެވެ؟ އަނބިދަރީންގެ ޚަރަދު ބަލަހައްޓާނެ ގޮތެއް އޭރުން ނޯންނާނެއެވެ. ކުލި ދައްކާނީ ކިހިނެތް ހެއްޔެވެ.؟"

ސަރުކާރުން ކުރަމުން ގެންދާ ޤާނޫނާއި ޚިލާފްކަންތަކާއި ދެކޮޅަށް ބަސް ނުބުނަނީ ކީއްވެގެންތޯ ސުވާލުކޮށްފި ނަމަ ވަރަށް ގިނަ މީހުން ދައްކާ ވާހަކައެކެވެ. އެމީހުންގެ ވާހަކަތަކުން ދޭހަވާ ގޮތުގައި ހުރިހާވެސް އެއްޗަކީ ވަޒީފާއެވެ.

ވަޒީފާއަށް ބިރަށް ހަނު ތިބޭ މީހުންގެ ޢަމަލުތަކުގެ ސަބަބުން ދައުތަލުގެ މުއައްސަސާތައް ފުނޑިގެން ދާއިރު، ޤާނޫނުގެ ބާރުވެސް ދަނީ ކެނޑެމުންނެވެ. އާޚިރުގައި އަނިޔާ އާއި ބޭއިންސާފާއި ކުރިމަތިލާންޖެހޭ މީހުންގެ ތެރޭގައި ހަނު ތިބޭ މީހުން ވެސް ހިމެނެއެވެ.

ބޮޑެތި ތުހުމަތުތަކެއް ކޮށް ޖަލަށް ލާފައިވާ، ފުލުހުންނާއި ބައެއް އިސްބޭފުޅުންނަކީ ވެސް މީގެ އަހަރުތަކެއް ކުރިން، ސަރުކާރުން ހިތުހުރި ގޮތަކަށް ކަންތައް ކުރަމުން ދިޔައިރު، އެ މަންޒަރު ބަލަން "ހަނު ތިއްބެވި" ބޭފުޅުންނެވެ.

ފޮޓޯ އިން ތިޔަފެނިވަޑައިގަންނަވަނީ، ވަޒީފާ ގެއްލުނަސް، މަޤާމް ގެއްލުނަސް ގޮތް ހުސް ނުވާނެ ކަން އަންގައިދޭން މެންބަރަކު ކުރައްވާ މަސައްކަތެވެ.

ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ޙުސައިން އެހުންނެވީ، މާލޭގެ މަސްމާރުކޭޓުގައި މަސްކަނޑާށެވެ. އަލީ ޙުސައިން މަސްކަނޑަން ހުރި މަންޒަރު ފެންނަ ފޮޓޯ އިން ހަމަގައިމު ވެސް އެދެނީ ވަރަށް ވަރުގަދަ މެސެޖެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަކީ އަލީ ހުސައިން އަށް އާމްދަނީ ލިބޭ ހަމައެކަނި ގޮތް ކަމުގައި ފަހަރެއްގައި ނުވެދާނެއެވެ. އެހެން ނަމަވެސް، މި ފޮޓޯ އިން އާއްމުންނާއި ހަމައަށް މި ފޮނުވާލީ ވަރުގަދަ މެސެޖެކެވެ.

"އަލީ ޙުސައިން ދެއްވި މެސެޖަކީ، މަޖިލީހުގެ ގޮނޑި ގެއްލުވާލިޔަސް، ޖަލަށް ލިޔަސް ގޮތް ހުސްނުވާނެކަން ހެއްޔެވެ؟"

މާރުކޭޓުގައި މަސްކަނޑަން ހުންނެވުމާއި ބެހޭގޮތުން އަލީ ޙުސައިންގެ ބަހެއް އަދި ލިބިފައި ނުވީ ނަމަވެސް، އެބޭފުޅާ ފާހަގަކުރެވެނީ އަބަދުވެސް ވަކި އުސޫލުތަކެއްގައި ހިފަހައްޓަވާ މެންބަރެއްގެ ގޮތުގައެވެ. އިދިކޮޅު ބައެއް މެންބަރުންނާއި އެކު ސަރުކާރުން ޑީލް ހަދައިގެން ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކުމަށް ޤާނޫނަށް އިސްލާޙު ގެނައިރު އެކަމާއި ދެކޮޅަށް ވޯޓު ދެއްވި މަދު މެންބަރުންގެ ތެރޭގައި އަލީ ޙުސައިން ހިމެނިވަޑައިގަންނަވައެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ދިފާޢުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ސާބިތުކަމާއި އެކު ހުންނަވާ އެއް ބޭފުޅަކީ އަލީ ހުސައިންނެވެ. "ގޮތް ހުސްވެގެން" އުޅުއްވާ މަންޒަރެއް ނުފެނެއެވެ.