އަލަށް އުފައްދަން ހުށެހެޅި ދެ ސިޔާސީ ޕާޓީއަށް ވެސް ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި އެ ދެ ޕާޓީގެ ތެރެއިން ދަ ގްރޭޓް ގްރީން ކަނެކްޝަންގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ކަމަށާއި އެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން ނިންމީ އެ ޕާޓީ އުފައްދަން ހުށަހަޅާފައިވާ ފަރާތަކީ އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވާތީއާއި ޕާޓީ އުފައްދަން ހުށަހަޅާ ފޯމާއެކު ކުށުގެ ރެކޯޑު ފޯމު ހުށަހަޅާފައި ނުވާތީ ކަމަށެވެ.
އީސީ އިން ބުނެފައިވާ ގޮތުގައި މޯލްޑިވިއަން ރިޕަބްލިކަން ޕާޓީގެ ނަމުގައި ދެވަނަ ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށާއި އެ ޕާޓީ ރަޖިސްޓްރީކޮށް ނުދޭން ނިންމާފައިވަނީ އެ ޕާޓީގެ ނަން ޖުމްހޫރީ ޕާޓީގެ ނަމާއި އެއްގޮތްވާތީ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
އެ ދެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަނުން ނިންމާފައިވާ އިރު އެ ޕާޓީތައް އުފައްދަން ހުށަހަޅާފައިވަނީ ކޮން ފަރާތްތަކަކުން ކަން އިލެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މިހާރު އޮތީ ހަ ޕާޓީއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމާއި ޖޭޕީއާއި އަދާލަތާއި އެމްޑީއޭއާއި ޑީއާރުޕީއެވެ.