އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް މިއަދު އެވޯޑެއް އަރުވައިފިއެވެ.
އެ އެވޯޑު ރައީސް ޔާމީނަށް އަރުވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެވޯޑު ރައީސް ޔާމީނަށް އަރުވާފައިވަނީ ރާއްޖެ ވަޑައިގެން އުޅުއްވާ އެ ފޯރަމުގެ ބައެއް އިސް އޮފިޝަލުންނެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެވޯޑާއި ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އެ އެވޯޑް ދެއްވި ކަމަށްޓަކައި ޖޯޑަންގެ އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވީ އެއީ ލިބިވަޑައިގްނެވި އިތުރު ހިތްވަރެއް ކަމަށެވެ.
އަދި މުސްލިމުންނަށް މިހާލަތު ކުރިމަތި ކުރުވަނީ އެތެރެއިންް ކަމަށާއި ބޭރުން މަސައްކަތް ކުރަނީ ހާލަތު އިތުރަށް ގޯސްކުރަން ކަަމަށާއި، ފަލަަސްތީން، ސީރިއާ، އަދި ޔަމަނުގައި ތިބި އަޚުންނާއި އުޚުތުން އަދި ރޮހިންޔާއި ގެދޮރު ގެއްލިފައިފައިވާ އެނޫން އެތަައް މުސްލިމުންނެެް ދިރިއުޅެނީ ވަރަށް ހިތްދަތި ހާލެއްގައި ކަމަށާއި އެހުރިހާ އެންމެނަށް އެހީވުމަށް އެހެން މުސްލިމް ޤައުމްތަކުގެ މައްޗަށް ޒިންމާއެއް އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ހުރިހާ މުސްލިމުންނަށް ކުރިމަތިވެފައިވާ ނުރައްކަލާ ހަނގުރާމަކުރުމަށް އެންމެން އެއްބައިވަންތަވާން ޖެހޭ ކަމަށެވެ.
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމަކީ އުރުދުންގައި ހިންގަމުން ގެންދާ ބައިނަލު އަގުވާމީ ފޯރަމެކެވެ.
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމުގެ ބައެއް އިސް ބޭފުޅުން ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޕީއެސްއެމާއި ގުޅިގެން ބާއްވަމުން ގެންދާ ހައިލެވެލް ސެމިނަރ އޮން ރޯލް އޮފް މޮޑަރޭޝަން އިން ކައުންޓަރ ޓެރަރިޒަމްގައި ބައިވެރިވުމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވި ގޮތުގައި އެ އެވޯޑަކީ އެ ފޯރަމުން އަރުވާ އެންމެ ޝަރަފުވެރި އެވޯޑެވެ. އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އެ އެވޯޑް ރައީސް ޔާމީނަށް އަރުވާފައިވަނީ އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތާއި ހަރުކަށި ފިކުރުތަކާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ އެންމެ ޝަރަފްވެރި އެވޯޑް މީގެ ކުރިން އަރުވާފައިވަނީ ދެ ބޭފުޅަކަށެވެ.
އެއީ މޮރަޓޭނިއާގެ ރައީސް މުހައްމަދު ބިން އަބްދުލް އަޒީޒް އަދި ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒު އާލް ސައުދެވެ.