ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ސުޕްރީމް ކޯޓްގެ ދޮރުވައްޓާލައިގެން ގަދަކަމުން ވަދެ ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބުދުﷲ ސައީދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ނުކުރައްވަން އެމަނިކުފާނު ނިންމަވައިފިއެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލްއުސްތާޒާ ހިސާން ހުސައިން އާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓް ކުރާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންކޮށްފައިވާ އަމުރު އިސްތިއުނާފު ނުކުރެއްވުމަށް އުއްތަމަ ފަނޑިޔާރު ވަނީ ނިންމަވާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހާމަކުރައްވާނީ އެމަނިކުފާނާއި އިތުރަށް މަޝްވަރާކުރެއްވުމަށްފަހުކަމަށް ހިސާން ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ރިޝްވަތު ހޯއްދެވި ކަމުގެ ތުހުމަތާއިއެކުއެވެ.
އެގޮތުން ސަލާމަތީ ބާރުތަކުން ސްޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް ގެންގޮސްފައިވަނީ ބިންމައްޗަށް ވައްޓާލައި، ދަމާ ކޫއްތާފައިކަމަށްވެސް އެމަނިކުފާންގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓްގެ އެހެން ފަނޑިޔާރެއް ކަމުގައިވާ އަލީ ހަމީދު ވެސް ހުންނެވީ ރިޝްވަތު ދީގެން ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެހެނިހެން ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ޙުކުމްކޮށް ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު މިހާރު ވަނީ އެ ކޯޓްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފަ އެވެ.
އަދި އެ ޙުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓްގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އަބްދުﷲ ސައީދު އާއި އަލީ ހަމީދުގެ މައްޗަށް ކޮށްފައެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް އަމާޒުކޮށް ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން އެކަނި ތިއްބަވައިގެން ފަނޑިޔާރުންގެ ޤާނޫނަށްވެސް މިހާރު ވަނީ ބަދަލުގެނެސް، ދެ ބޭފުޅުންގެ މުސާރައާއި އިނާޔަތްތައްވެސް ހިފަހައްޓާފައެވެ.
އަލީ ހަމީދުގެ ވަކީލުންގެ ޓީމުން ބުނީ ބަންދުގެ މުއްދަތު ދަށު ކޯޓުން އިތުރުކުރި މައްސަލަ އިސްތިއުނާފުކުރުމާއިމެދު އަދި ގޮތެއް ނުނިންމާކަމަށެވެ.