ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރު ކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާގެ ޕައުންޑާއި ޑޮލަރު އަދި ފައިސާ ފެނުނު ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ ފައިސާތައް ހޯދާފައިވަނީ ފުލުހުން ހިންގި ތަހުޤީޤުގައި ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.
އެ ފައިސާތައް ފެނުނީ އަލީ ހަމީދާ ގުޅުން ހުރި ގެއަކުން ކަމަށް ބުނި ނަމަވެސް އެއީ ކޮން ގެއެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާ އިރު އަލީ ހަމީދުގެ މައްޗަށް ތިން ދައުވާއެއް ކުރެއެވެ. އެއީ ޓެރަރިޒަމްގެ ދައުވާއާއި ރިޝްވަތުގެ ދައުވާއާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.