ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ފަށާފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އެ މަޤާމަށް އައްޔަންކުރެއްވި ދުވަހުން ފެށިގެން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އަދީބު ނައިބު ރައީސް ކަމަށް އައްޔަންކުރުމާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމު މިސަރުކާރު ބަދަލުކުރުމަށް ތަފާތު އެކި ގޮތްގޮތަށް ޤާނޫނާ ހިލާފަށް މަސައްކަތް ކުރައްވާފައިވާ ކަން ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެމަސައްކަތް ކުރުމަށްޓަަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވުމުގެ ގޮތުން ތަފާތު އަދަދުތަކުން ފައިސާދީ އިދިކޮޅު ފަރާތްތަކާ ގުޅުމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި ފުލުހުންނަށް އެކަން އެނގިފައިވާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމުގެ މަސައްކަތް އިސްވެ ހުންނަވައިގެން ފެއްޓެވީ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ކަމަށާއި، ފާރިސްއާ އެކު މިމަސައްކަތުގައި މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ދިނުމުގައި އުޅުއްވީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.
އަދި މެންބަރުންނަށް ރިޝްވަތު ދިނުމުގައި ކުރީގެ ރައީސް މައުމޫނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމާއި މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން މެމްބަރު ފާރިސް މެމްބަރުންގެ އަރިހަށް ވަޑައިގެން ތަފާތު މަސައްކަތްތައް ކުރައްވާފައިވާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ މިމައްސަލައާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކުރި ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކުރުމުން ދޫކޮށްލީ ކަމަށެވެ.
ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާތީވެ، މަޖިލީހުގެ ހަތަރު މެމްބަރުން ކަަމަށްވާ އިލްހާމާއި، ޝިނާނާއި، އަބްދުﷲ ރިޔާޒާއި، ފާރިސް މައުމޫނާއި އަދި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ މައްސަލަ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ތަހުޤީޤުކުރަން ފެށުނު ކަމަށް ޝިފާން ވިދާޅުވި އެވެ.
އަދި ޝިފާން ވިދާޅުވީ ފުލުހުން ކުރިއަށް ގެންދިޔަ މިތަހުޤީޤުގައި މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ އިތުރަށް ކޯޓުތަކުގެ ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާގެ އިސް މުވައްޒަފުންނަށް ރިޝްވަތުގެ ފައިސާ ދީފައިވާ ކަން ފުލުހުންނަށް ޔަޤީންވާ ވަރަށް ކަންކަން އެނގިފައިވާ ކަމަށެވެ.
"އެގޮތުން ފަނޑިޔާރުންނަށް ރާއްޖެއިން ބޭރުން ފްލެޓް ގަނެދީފައިވާ ކަމާއި އަދި މިކަމުގައި ވިލާ ގުރޫޕުން ރިޝްވަތުގެ ގޮތުގައި ފަނޑިޔާރުންނަށް މާލީ އެހީ ދީފައިވާ ކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވޭ. އަދި އަޅުގަނޑު ފާހަގަކޮށްލަން ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާކަން އެނގެން އޮތުމުން އަޅުގަނޑުމެން ވާނެ އިބްރާހީމް ސިޔާދު ގާސިމް މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި. ހަމައެއާ އެއްކޮށް 2018 ޖެނުއަރީ 27 ވަނަ ދުވަހު އިތުރު ހެކި ގަރީނާއާއެކު ދެންނެވުނު މައްސަލައިގެ ތުހުމަތުގައި އަހްމަދު ފާރިސް މައުމޫން ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވާނެ. އިލްހާމް އަހްމަދާއި އަބްދުﷲ ޝިނާން ދެމީހުން ހައްޔަރުކުރުމަށާއި ފުރުން މަނާކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން އިލްހާމް އަހްމަދާއި އަބްދުﷲ ޝިނާންގެ އަމުރު ބާތިލްކޮށްފައިވޭ.،" ޝިފާން ވިދާޅުވި ކަމަށް "ވީނިއުސް" އިން ރިޕޯޓްކުރެ އެވެ.
އަދި ހަމަ އެހެންމެ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފުލުހުން މ. އެންދެރިމާގެ ބަލައި ފާސްކުރަމުން ދަނިކޮށް އެގެއާ އިންވެގެން ހުރި މ. އެންދެރިގަސް ގެއިން ކާރަކަށް ފޮށްޓެއް އަރުވައިގެން ގެންދިޔަ ކަމުގެ މައުލޫމާތު މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު ކަމަށް ވެސް ޝިފާން ވަނީ ވިދާޅުވެފަ އެވެ.
އަދި އެ ފޮށި މައުމޫންގެ އަރިސް ފަރާތެއްގެ ގެއިން ހޯދައި އެފަރާތް ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ފޮށްޓަކީ ވަރަށް ބައިވަރު މައުލޫމާތު އެކުލެވޭ ފޮއްޓެއް ކަމަށްވެސް ޝިފާން ވިދާޅުވި އެވެ. އަދި އެ ފޮށިން އެކި ފަރާތްތަކަށް ނިސްބަތްވާ ޕާސަނަލް މައުލޫމާތުގެ ހެކީގެ އިތުރުން ޤާނޫނީ ސަރުކާރު ވައްޓާލަައި ރާއްޖޭގެ އެކި ކަންކަމަށް އުނދަގޫ ކޮށް އެކި ކަހަލަ ރޭވުންތައް ރާވައި އަޑީގައި ތިބި ފަރާތްތަކުގެ މަޢުލޫމާތު ވެސް އެ ފޮށިން ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.
މީގެ އިތުރުން ފާރިސް އާއިޔުމްނާ މައުމޫން މެދުވެރިކޮށް ރައިސް މައުމޫނަށް ފޮނުވި ސިޓީއެއް ފެނިފައިވާ ކަމަށާއި އެ ލިޔުމުގެ ބޭނުމަކީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުން ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ، ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ދުރާލާ ރާވައިގެން ފުލުހުންގެ އިދާރީ އޮނިގަނޑަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެބަދަލަކީ ފުލުހުންގެ އާންމު އުސޫލުތަކުގެ ތެރެއިން ގެނެވޭ ބަދަލުތަކާއި ޚިލާފަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.
އަދި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ދުރާލާ ރާވައިގެން އެކަމަށް އަރީފް ތައްޔާރުވެފައިވާ ކަމަށާއި އަމުރު ތަންފީޒު ކުރުމަށް ބައެއް ފުލުހުންނަށް ޚާއްސަ ޓާސްކުތަކެއް ދީފައިވާކަން ތަހުޤީޤަށް ހާމަވެފައިވާ ކަމަަށެވެ.
ފެބްރުއަރީ އެކެއްގައި މާލެ ތެރޭގައި ބޭއްވި މުޒާހަރާގައި ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނަށް ފުލުހުން ކުރިމަތިލާ ހަމަނުޖެހުން ހިންގާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާން ވިދާޅުވި އެވެ.