ފާއިތުވީ ހަފްތާގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ އެތަން ފާސްކުރި ކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން އެކަން ކޮށްފައި ވަނީ ދިއްދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް ފުރައްސާރަކޮޮށް، ކައުންސިލްގެ ބާރުތައް ކަނޑުވައި ކަނޑައެޅިގެން ޤާނޫނުތަކާ ޚިލާފަށް ސިޔާސީ ބޭނުމެއްގައި ކަމަށްވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
ބަލަމުން އަންނަ މައްސަލައެއް ކަމަށް ބުނެ ކައުންސިލްގެ އިދާރާ ފާސްކޮށްފައިވީނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައިނުވާތީ މިއީ އެއްވެސް އުސޫލެއް ނެތި ސިޔާސީ ބޭނުމެއްގައި ހިންގާ ދެކޮޅު ނުޖެހޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް އެމްޑީޕީ އިން ބުނެއެވެ.
"ފާއިތުވީ ފަސްއަހަރުތެރޭ ސަރުކާރުގެ ޢަމަލުތަކުން ތަކުރާރުކޮށް ފެންނަމުން އަންނަނީ ލާމަރުކަޒީ ނިޒާމް ނައްތާލައި ކައުންސިލަރުންގެ ބާރުތައް ހަނިކޮށް ދައުލަތުގެ ހިންގުން މަރުކަޒީ ކުރަމުން އަންނަ މަންޒަރެވެ. ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތައް ބަދަލުކޮށް މުޅި ނިޒާމު މިވަނީ ގަޑުބަޑުކޮށްފައެވެ. އެއަށްފަހުވެސް ކައުންސިލްތައް ސަރުކާރުގެ ބާރުގެ ދަށަށް ނުގެނެވުމުގެ ސަބަބުން ޤާނޫނާ ޚިލާފަށް ކައުންސިލަރުން ސަސްޕެންޑްކޮށް އެ ކައުންސިލްތަކުގެ އިދާރާއާށްވެސް މިހާރު ވަންނަމުން އަންނަކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ."، އެ ބަޔާނުގައި ވެއެވެ.
ދިއްދޫ ރައްޔިތުންނާއި ކައުންސިލަރުންނަކީ އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ސާބިތުކަމާއެކު ފެށުނީއްސުރެ ތިބޭ ބައެއްކަން ފާހަގަ ކުރަމުން އެމްޑީޕީ އިން ބުނީ ދައުލަތުގެ މިފަދަ ބިރުދެއްކުމަށް ފަހަތަށް ނުޖެހޭނެ ބައެއްކަންވެސް އެ ރަށު ރައްޔިތުން އަންނަނީ ދައްކުވައިދެމުން ކަމަށެވެ.
ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑްކޮށް ޖިނާޢީ ކުށުގެ ތުހުމަތުކޮށް މިފަދަ ކަންކަން ކުރުމުން ރައްޔިތުންގެ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާ ކަމަށާއި އެހެންކަމުން ސިޔާސީ ގޮތުން ހިންގާ މިފަދަ ނާތަހުޒީބު ކަންކަމުގައި ފުލުހުންވެސް ބައިވެރިނުވުމަށް އެމްޑީޕީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ސަރުކާރުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅި، މުޅި ރާއްޖެއަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުން ލިބިގެންދާނެ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.