ރިޕޯޓް

މުޖުތަމައު ތެރެއިން: އެޗްއާރްއެޗްގެ ފާހާނާ ޓޯކިޔޯ ފެންވަރުގައި!

ސިޔާސީ ފަރާތްތަކުން އާއްމުންގެ ސަމާލުކަން ހޯދަން ތަފާތު މޮޅު ވާހަކަތައް ދެއްކޭތޯ ބަލައެވެ. ވެރިރަށް މާލެ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯ މިސާލަކަށް ބަލައިގެން ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވުމުން ގިނަ ބަޔަކު އެވާހަކަ ބަލައިގަތީ އެފަދަ ގޮތަކަށެވެ.

އެހެންވެ، ކޮންމެ ކަމަކާއި ވެސް ގުޅުވައިގެން ސަރުކާރަށް ފާޑުކިޔާ ނަމަ، ޓޯކިޔޯގެ ވާހަކަ ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ. އެކަން އޮތީ ހަމައެކަނި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައެއް ނޫނެވެ.

ފޮޓޯ އިން ތިޔަފެނިވަޑައިގަންނަވަނީ، މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމުގައިވާ އައްޑޫގައި ހުރި ސަރުކާރުގެ މައި ހޮސްޕިޓަލްގެ ފާހާނާއެވެ.

މި ފޮޓޯ ސޯޝަލް މީޑިޔާގައި ހިއްސާކުރި މީހާ އޭނާގެ ކަންބޮޑުވުންތައް ޙިއްސާކުރަމުން ސުވާލު އުފެއްދީ، "މިއީ ޓޯކިޔޯގެ ފާހާނާތައް ހުންނަ ފެންވަރު ތޯ" އެވެ.

"މިއީ ޓޯކިޔޯގެ ފާޚާނާ ހުންނަ ފެންވަރުތަ؟ މަށެއް ނުދަން ޓޯކިޔޯ އަކަށް. އެކޮޅަށް ދިޔަ މީހަކު އެކަން ބުނެދީބަލަ"، ސޯޝާލް މީޑިޔާގައި މި ފޮޓޯ ހިއްސާކުރި މީހާ ލިޔެފައިވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޚިދުމަތް ހޯދަން ދާ މީހުން ބޭނުންކުރަން ހުންނަ ފާޚާނާ މިފަދަ ގޮތަކަށް ހުންނަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ މެނޭޖްމަންޓްގެ މައްސަލައެއް ނަމަ އަވަހަށް އެކަން ރަނގަޅު ކުރަންވީއެވެ.

ބަޖެޓްގައި ހުރި ތާށިކަމަކުން ވާ ކަމެއް ނަމަ ފަންޑު ފޮއްޓެއް ހުޅުވައިގެން ވެސް އެކަން ރަނގަޅު ކުރަންވީއެވެ.