Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

ގާޒީ ބަދަލުވުމުން ސިޔާދުގެ މައްސަލަ ކުރިއަށް ނުގެންދެވުނު

މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ސިޔާދު ގާސިމްގެ މައްސަލައިގެ އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓަށް ސިޔާދު ހާޒިރުކޮށްފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ މައްސަލައިގެ އަޑުއެހުމަކަށެވެ.

ސިޔާދު ގާސިމްގެ ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ދައުލަތުން ދައުވާ އިއްވުމާއި އެކު އިޖުރާއީ ނުކުތާއެއް ނަންގަވާ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިކަމަށެވެ. ހިސާން ވިދާޅުވީ އިޖުރާއީ ނުކުތާ ނެންގެވީ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައިވާތީ ކަމަށެވެ.

ހިސާން ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަވަނީ ޖިނާއީ އިޖުރާތުގެ ގާނޫނާއި ހިލާފަށްކަމަށް ތިން ވަނަ ފަހަރަށް ފާހަގަ ކުރުމުން މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވިކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިތުރު ވާހަކައެއް ދައްކަވަން ވަކީލް ހިސާން ބޭނުންފުޅެއް ނުވިއެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތު ދެއްވިކަމަށް ތުހުމަތު ކުރާއިރު އޭނާ ރިޝްވަތު ދެއްވިކަމަށް ބުނާ ލިޔެކިއުންތަކުގެ ތަފްސީލް ޕީޖީން ކޯޓަށް ވަނީ ފޮނުއްވާފައެވެ.