ސިޔާސީ ނުވަ ގައިދީއަކު މިނިވަން ކުރަން ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރު ތަންފީޒު ކުރަން ދުރާލާ ފުލުހުންގެ މުވައްސަސާއަށް ބޮޑެތި ބަދަލު އޭރުގެ ކަމިޝްނާ އޮފް ޕޮލިސް އަހުމަދު އަރީފް ގެނެސްފައިވާކަން ތަހުގީގުތަކަށް ސާބިތުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ނޫސް ކޮންފަރެންސްގައި ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށް ދުރާލާ އަރީފް ފުލުހުންގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މި ބަދަލު ތަކަކީ ފުލުހުންގެ އާއްމު އުސޫލާއި ހިލާފަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް އެގެނައި ބަދަލު ތަކުގެ ތަފްސީލެއް ޝިފާން ނުދެއްވައެވެ.
އަރީފް ޕޮލިސް ކަމިޝަނުރުކަމުން ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ވަކިކޮށްފައިވާ އިރު އަރީފް ހައްޔަރުކޮށްފައިވަނީ މާޗް 6 ވަނަ ދުވަހުއެވެ.
އަރީފް އާއި އިތުރު ފުލުހުންތަކެއްގެ މައްޗަށް ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށްފައެވެ.