މި ވޭތުވެ ދިޔައީ ފަސޭހަ އަހަރެއް ނޫން ކަމަށާއި އޭގެ ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި ފިކުރީ ބޮޑެތި ތަފާތުތަކެއް އުފެދިގެން ގޮސް ފިކުރީ ތަފާތުތަކުގެ ސަބަބުން އެކި ކުލަކުލައަށް އަޅުގަނޑުމެން ބަދަލުވުން ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ލ. ދަނބިދޫ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުގެ ވެސް އޮވޭ ޕާޓީއެއް. އެޕާޓީގައި އޮވޭ ކުލައެއް. އެކަމަކު އަޅުގަނޑު އެކުލައިގެ ޓައީއާ އެއްޗެތި އަޅައިގެން، ތޮފި އަޅައިގެން، އެކުލައިގެ ގަމީސް ލައިގެން އައިސް، ތިޔަބޭފުޅުންގެ އަރިހުގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުގެ ޕާޓީއަށް ވެދެވަޑައިގަންނަވާށޭ، އޭރުންނޭ ބަނދަރު ހެދޭނީ ކިޔައިގެން އަޅުގަނޑެއް ނޫޅެމެއް ނޫންތޯ؟" ގައުމީ އިއްތިހާދު ޕާޓީ އަށް ނިސްްބަތްވެ ވަޑައިގަންނަވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ރާއްޖޭގެ އެންމެ މުހިންމު ފިކުރަކީ، ޤައުމީ ފިކުރާއި، ރަށުގެ ފިކުރާއި، އަތޮޅުގެ ފިކުރު ކަމުގައި ވިދާޅުވިއެވެ. މި ފިކުރުތަކަށް ވުރެ މަތީގައި އެހެން ފިކުރުތަކެއް ގެންގުޅުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އަދި އޭގެ ސަބަބުން ޤައުމުގައި ބައިބައިވުންތައް އުފެދި، އަންނަން ޖެހޭ ތަރައްޤީ ލަސްވެގެންދާ ކަަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ވަނީ ވީހާ ވެސް ގިނައިން ރައްޔިތުން އަރިހަށް އަންނަން. އެހެން ނަމަވެސް، މިހާރު މިއީ ވަރަށް ނާޒުކު ދުވަސްވަރެއް. ވާގޮތަކީ އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން އަޔަސް، މި ހީވަނީ ބޮޑު ކެމްޕޭން ދަތުރެއްގައޭ މި އުޅެނީ. އެހެންވީމާ، އެކަން އެބަޖެހެޔޭ ހުއްޓުވާލަން. އެހެން ނަމަވެސް، އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހަށް އަންނާނަން. އަޅުގަނޑު އަމިއްލަ އަށް ޚަރަދުކޮށްގެން އަންނަން ޖެހުނަސް، އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހަށް އަންނާނަން." ރައީސް ވިދާޅުވި އެވެ.