Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ފުވައްމުލަކު ޒުވާނުން އަޑު: ބޭނުން ވަނީ ޓާފް ދަނޑެއް

ފުވައްމުލަކު ދޫނިގަމު ޒުވާނުންތަކެއް، ދޫނިގަމު ދަނޑުގައި، މި ދަނޑަކީ ފުޓްބޯޅަ ކުޅެވޭ ފެންވަރުގެ ދަނޑެއް ނޫން

އާބާދީގައި 13،000 މީހުން ތިބި ފުވައްމުލަކުގެ ޒުވާނުން ފުޓްބޯޅަ ކުޅެލެވޭނެ އެންމެ ދަނޑެއްވެސް ހަދާދެވިފައި ނެތުމާއި އެކު ޒުވާނުން ޓާފް ދަނޑަކަށް އެދި އަޑު އުފުލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ފުވައްމުލަކު ޒުވާނުންގެ ޝުއޫރު ފާޅުކުރަން ފަށާފައި މިވަނީ ކުދިކުދި އާބާދީ ހުރި ރަށްތަކުގައި ޓާފް ދަނޑު ހަދައި އެދަނޑުތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 8ގެ ފައިނަލްގެ ފުރަތަމަ ބުރުގެ މެޗް ކުޅުމަށް ހިތަދޫ ޓީމު ފުވައްމުލަކަށް ދިޔަ ދުވަހު ބައްދަލުވި ފުވައްމުލަކު ދޫނިގަމު ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކީ އެރަށުގެ އެއްވެސް އަވަށެއްގެ ޒުވާނުން ފުޓްބޯޅަ ކުޅޭނެ ދަނޑެއް ނެތުމުގެ ޝަކުވާއެވެ.

"ފުވައްމުލައް ނޫނީ ރާއްޖޭގައި ނޯންނާނެ ފުޓްބޯޅަ ދަނޑެއް ނެތް ރަށެއް، އެހާވެސް ދޯދިޔާކޮށް މިރަށުގެ ފުޓްބޯޅައިގެ ކަންކަން އޮތީ" ޒުވާނަކު ފާހަގަ ކުރިއެވެ.

ފުވައްމުލަކު ދޫނިގަމު ޒުވާނުންތަކެއް، ދޫނިގަމު ދަނޑުގައި، މި ދަނޑަކީ ފުޓްބޯޅަ ކުޅެވޭ ފެންވަރުގެ ދަނޑެއް ނޫން

ފުވައްމުލަކު ޒުވާނުން ބުނީ އެރަށުގައި ފުޓްބޯޅަ ދަނޑެއް ހެދުމުގެ ވައުދަކީ ސަރުކާރުން އަބަދުވެސް ޒުވާނުންނަށް ވަމުން އަންނަ ވައުދެއްކަމަށެވެ. އެގޮތުން އެއް ޒުވާނަކު ފުވައްމުލަކު އެއާޕޯޓާއި ދިމާލުގައި ޖަހާފައިވާ ރައީސް ޔާމީންގެ "ރަނގަޅު" ބިލްބޯޑްގައި ފުވައްމުކަށްވެސް ސްޓޭޑިއަމްއެއް ހެދޭނެ ކަމަށް ނުވަތަ ހަދާދީފައިވާ ކަމަށް ދޭހަވާ ގޮތަށް ހުރި މަންޒަރު އެޒުވާނާ ދެއްކިއެވެ.

ފުވައްމުލަކުގެ ފުޓްބޯޅަ ކުރި ނާރައިގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ އެރަށުގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ނެތުމެވެ. އެހެންވެ އެރަށުގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ނުބޭއްވޭއިރު ޒޯން މުބާރާތް ފަދަ މުބާރާތް ތަކުގައި ރަށުން ބޭރުން އަންނ ޓީމުތަކުންވެސް މައްސަލަ ޖައްސައެވެ.

ފުވައްމުލަކު ޒުވާނުން ބުނާ ގޮތުން ކޮންމެ ސަރުކާރެއްގެ މައިވައުދުގެ ތެރޭގައި ފުވައްމުލަކަށް ސްޓޭޑިއަމްއެއްގެ ހުވަފެން ދައްކައެވެ. އަދި ފާއިތުވި ތިން އަހަރުގެ ބަޖެޓްގައި ސްޓޭޑިއަމްގެ ސިޑިބަރިއާއި ފެންވަރު ރަނގަޅު ދަނޑެއް ހަދާނެ ކަމަށް ބަޖެޓްކޮށްފައިވެއެވެ.

އެގޮތުން 2018 ވަނަ ވަނަ އަހަރު ފާސްކުރި ބަޖެޓްގައިވާ ގޮތުން ފުވައްމުލަކު ސްޓޭޑިއަމްގައި 500 މީހުންގެ ޖާގައިގެ ސިޑިބަރިއެއް ހެދުމަށް 9 ލައްކަ ރުފިޔާ ބަޖެޓްކޮށްފައިވެއެވެ. އަދި ފުވައްމުލަކު ސްޕޯޓްސް އެރީނާ ހެދުމަށް 1.2 މިލިއަން ބަޖެޓްކޮށްފައިވެއެވެ.

ޒުވާނުން ބޭނުމީ ޓާފް ދަނޑެއް!

ފުވައްމުލަކު ޒުވާނުން މިއަދު ބޭނުންވަނީ އެރަށުގެ ކޮންމެވެސް ދިމާލެއްގައި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑެއް ހެދުމަށެވެ. އެކަމަށް އެރަށުގެ ޒުވާނުން ތިބީ އެކަތިގަޑަކަށްވެ އަތާއި އަތް ގުޅާލައިގެންނެވެ. ފުވައްމުލަކު ދޫނިގަމް އެފްސީ ދޫނިގަލޯނާގެ ޒުވާނުން ބުނީ މިކަމުގައި ސަރުކާރާއިއެކު އެ ޒުވާނުން ތިބޭނެކަމަށެވެ.


"އަޅުގަނޑުމެން ބޭނުންވަނީ އިހްލާސްތެރިކަމާއި އެކު ސަރުކާރުން މިކަންކޮށްދިނުން، އަޅުގަނޑުމެން ޒުވާނުންނަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް މިކަން ހަގީގަތަކަށް ހެދުމަށް މިތިބީ ދޭން ތައްޔާރަށް"

ދޫނިގަލޯނާގެ ޒުވާނުންގެ ފޭސްބުކް ސްޓޭޓަސްތައް މިއަދު މުޅިންހެން އަމާޒު ހުރީ ޓާފް ދަނޑަށެވެ. އެޒުވާނުންވަނީ މިހާރުވެސް ބޮޑު ހިތްވަރެއްކޮށްގެން ފުވައްމުލަކު އެއާޕޯޓް ކައިރިންތަނެއް ސާފުކޮށްފައެވެ. އެތަނުގެ ވަށައިގެން ކޮންވެސް ވަރެއްގެ ފެންސެއް މިހާރު ހުރި ނަމަވެސް ޒުވާނުން ބުނަނީ މިކަމަކީ ކުރަން އުޅެފި ނަމަ ކިތަންމެހާވެސް ފަސޭހައިން ކުރެވިދާނެ ކަމަށް ކަމަށެވެ.

ފުވައްމުލަކު ޒުވާނުން މިއަދު ޓާފް ދަނޑަކަށް އެންމެ ބޮޑު އުއްމީދެއް ކުރާ އެއް ސަބަބަކީ އެރަށުގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ދަނޑެއްވެސް އޮތުމެވެ. އެރަށުގައި މިވަގުތު ޓާފް އަޅާފައިވާ ތިން ފުޓްސަލް ފުޓްބޯޅަ ދަނޑު އޮތަސް އެތަންތަނަކީ ފުޓްބޯޅަ ކުޅެވޭނެ އަދި ކުޑަކުދިންނަށް ގޮސް ފުޓްބޯޅަ ދަސްކުރެވޭނެ ގޮތަށް ހުރިތަންތަނެއް ނޫނެވެ. އެހެންވެ ފެންވަރު ރަނގަޅު ޓާފް ދަނޑެއް ކޮންމެހެންވެސް ބޭނުމެވެ.

ފުވައްމުލަކު ޒުވާނުން ބުނީ މިއަދު ޒުވާނުންގެ ސަރުކާރުން އެމީހުންގެ އަޑުއަހައި ފެންވަރު ރަނގަޅު ޓާފެއް އެރަށުގައި އަޅާދޭނެކަމަށް ގަބޫލް ކުރާކަމަށެވެ. އަދި ދޫނިގަމުގެ ޒުވާނުންގެ އެންމެ އިތުބާރަކީ އެދާއިރާގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ޒުވާނުންގެ އަޑު އަހައި މި މަސައްކަތް ހަގީގަތަކަށް ހައްދަވައި ދެއްވާނެކަމުގެ އިތުބާރެވެ.