ޚަބަރު

ފާހާނާ ސާފު ކުރަން ދާންވީ ވެސް ރައީސް ޔާމީންތަ؟

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އާއްމު ފާހާނާ ސާފުނުކޮށް ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް "ޓޯކިޔޯގެ ފާހާނާތައް ހުންނަނީ މިހެންތޯ" ކުރި ސުވާލުގެ ޖަވާބު ވަރަށް ފުރިހަމައަށް ރައީސް ޔާމީންގެ ސަޕޯޓަރުން ދީފިއެވެ.

އައްޑޫލައިވްއިން ގެނެސްދޭ "މުޖްތަމައުގެ ތެރެއިން" ކޮލަމްގައި ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯ ޖެހުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ވަނީ އެފޮޓޯއަށް ރައްދުދީފައެވެ. އެގޮތުން ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ ފާހާނާ ސާފު ކުރަން ދާން ޖެހެނީވެސް ރައީސް ޔާމީން ތޯއެވެ. އަދި ރައީސް ޔާމީނަކާއި ހިތަދޫ ހޮސްޕިޓަލްގެ ފާހާނާއާއި އޮތީ ކޮން ގުޅުމެއްތޯވެސް އެ ފަރާތްތަކުން ސުވާލުކޮށްފައިވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އާއްމު ފާހާނާ ހަޑިކޮށް ހުރުމަކީ ރައީސް ޔާމީން އަދި ހެލްތު މިނިސްޓަރ ނާޒިމް ސީދާ ޒިއްމާ ނަންގަވަން ޖެހޭ ކަމެއް ނޫނެނެވެ. ނަމަވެސް ހުރިހާ ކަމެއް ސިޔާސީ ވާ މި ދުވަސްވަރު މިކަންވެސް އަމާޒުވާނީ ސީދާ މިނިސްޓަރަށާއި ރައީސަށްކަން ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ.

ސަބަބަކީ ހޮސްޕިޓަލްގެ އެންމެ އިސްވެރިޔާއިން ފެށިގެން މަތީ މަގާމުތަކުގައި ތިބޭ ގިނަ މީހުންނަކީ ސަރުކާރު ޕްރޮމޯޓްކޮށް ހާއްސަކޮށް ރައިސް ޕްރޮމޯޓް ކުރާ ފަރާތްތަކަށްވުމެވެ. މިފަރާތްތަކަށް މަގާމު ދީފައި ބަހައްޓާފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ސަރުކާރުން ހަވާލުކޮށްފައިވާކަންކަން ބަރާބަރަށް ފޯރުކޮށްދީ، ރައްޔިތުންގެ ފަރާތުން ސަރުކާރަށާއި ރައިސަށް ތާއިދު ހޯދުމެވެ.

ނަމަވެސް އޭގެ ބަދަލުގައި އެފަރާތްތަކާއި ހަވާލު ކުރެވޭ ޒިއްމާތައް އަދާ ނުކުރެވުމުގެ ސަބަބުން ރައީސަށާއި، މިނިސްޓަރަށް ރައްޔިތުންގެ ފަރާތުން ހިތް ހަމަނުޖެހުމާއި، ނަފްރަތު އަދި ފާޑު ކިޔޭނެ ގޮތް ވެފައި ހުރުމަކީ އެމީހުން ފެއިލްވެފައިވާކަމުގެ ހެއްކެކެވެ. އެހެންވާނަމަ ފާޑު ކިޔައި ރައްޔިތުންގެ ނަފްރަތު އަމާޒުވާނީ ރައީސާއި މިނިސްޓަރަށެވެ.

ހިތަދޫ ހޮސްޕިޓަލް ސާފުކޮށް ބެލެހެއްޓުމަށް އަމިއްލަ ފަރާތަކާއި އެކު ވެފައިވާ އެއްބަސްވުން މުއްދަތު މިދިޔަ 2017 ވަނަ އަހަރު ހަމަވުމާއި ގުޅިގެން އަލުން އިއްލާންކޮށް އެހެން ފަރާތަކާއި އެކު 2017 ޖެނުއަރީ 18 ވަނަ ދުވަހު އެގްރިމެންޓް ހެދުމަށްފަހު 19 ވަނަ ދުވަހު އެގްރިމެންޓް ކެންސަލްކޮށް ކުރިންވެސް އެމަސައްކަތް ކުރި ފަރާތާއި ހަވާލުކުރީ ސީދާ ހެލްތު މިނިސްޓްރީން ބޭނުންވެގެންނެވެ.

ފަހުން އެގްރިމެންޓް ހެދި މީހުންނަށްވުރެ 9000 ރުފިޔާ ބޮޑުކޮށް ކުރިން އެމަސައްކަތް ކުރި މީހުންނާއި ހަވާލުކުރި މައްސަލަ އޭސީސީންވެސް ބެލިއެވެ. އެކަން އެގޮތަށް ނުކުރުމަށް އޭސީސީން ހިތަދޫ ހޮސްޕިޓަލަށް އެންގިއެވެ. ނަމަވެސް މިއަހަރުގެ މާޗް 25 ވަނަ ދުވަހާއި ހަމައަށް އޭސީސީގެ އެންގުމަށް ބެލުމެއް ނެތި ވަގުތީ އެއްބަސްވުމެއްގެ ދަށުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ސާފު ކުރުމަށްދީފައިވަނީ ސަރުކާރުން ބޭނުންވި ފަރާތަށެވެ.

މިއަދު ހޮސްޕިޓަލްގެ ފާހާނާ ސާފު ނުކުރެވި އެތަނުގެ އާއްމު ސާފުތާހިރުކަމުގެ އެތައް މައްސަލައެއް ހުރިއިރު އެޝަކުވާ ހަމަ ނުކޮށް ތިބެންވީހެއްޔެވެ؟ މިއީ ރައީސް ޔާމީންއަށް ބަޔަކު ގަސްދުގައިދޭ ހުތުރު ނަމެއް ނުވަތަ ނަފްރަތަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެމަނިކުފާނަށް މިފަދަ ކަންކަން އެނގިވަޑައިގެން މިކަން ހައްލު ނުކޮށް ނުހުންނަވާނެކަން ޔަގީނެވެ.