ޚަބަރު

އިންތިހާބަށް މީޑިއާތަކާއި އޮބްޒާވަރުން ތަމްރީނު ކުރަނީ

އަންނަ ރިޔާސީ އިންތިހާބުގެ ކަންކަން މޮނީޓަރ ކުރާ މީޑިއާތަކާއި އޮބްޒާވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށާނެކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކަމިޝަންގެ މެމްބަރ އަހުމަދު އަކުރަމްއާއި ހަވާލާދީ ދައުލަތުގެ މީޑިއާގައި ބުނެފައިވަނީ ވޯޓުލާ ދުވަހު ކެންޑިޑޭޓުންގެ މަންދޫބުންނާއި، އިންތިހާބް މިނިޓަރ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

އަދި އިންތިހާބު ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކަށް އަމާޒުކޮށްގެން ބްރޯޑްކާސްޓިން ކަމިޝަނާއި އެކު ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

މިއަހަރުގެ އިންތިހާބުގައިވެސް 4000 އެއްހާ އޮބްޒާވަރުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަން ކަމިޝަނުންވަނީ ބުނެފައެވެ. އަދި އިންތިހާބާއި ގުޅިގެން އާއްމު ރައްޔިތުން ހޭލުންތެރި ކުރުމަށް އީސީގެ ޓީމްތައް އަތޮޅުތަކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބް އަންނަ ސެޕްޓެމްބަރ މަހު ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވާއިރު އިންތިހާބު މިނިވަން ނުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފައިވަނީ އީސީގެ މެމްބަރުންގެ މިނިވަންކަމެއް ނެތުމުންކަމަށް އެޕާޓީތަކުން ވަނީ ބުނެފައެވެ.