ޚަބަރު

ހެއްކެއް ނެތުމުން ކުރަނީ ޚިޔާލީ ތުހުމަތު

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާ ދެކޮޅަށް ފުލުހުން އުފައްދަނީ ޚިޔާލީ ތުހުމަތުތަކެއް ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

މައުމޫންގެ ދިފާއީ މަސައްކަތުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު މައުމޫން ހަމީދާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން މައުމޫނާ ގުޅޭގޮތުން ޚިޔާލީ ތުހުމަތުތައް "އުފައްދަނީ" އެމަނިކުފާނާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުލިބުމުން ކަމަށެވެ.

އިއްޔެ ފުލުހުން ދެއްވި ޕްރެސް ކޮންފަރެންސުގައި ވަނީ މައުމޫން، އަމިއްލަ ކޮއްކޯފުޅު ރައީސް ކަމުން ދުރުކުރުމަށް 2016 ވަނަ އަހަރު މަސައްކަތް ފަށާފައިވާ ކަމަށެވެ. ނައިބު ރައީސަކަށް އަދީބު އައްޔަން ކުރީއްސުރެ މައުމޫން ވަނީ ރައީސް ކަމުން ޔާމީން ދުރުކުރުމަށް ރާވައި، މަސައްކަތް ކުރަމުން ކަމަށް ފުލުހުންގެ ޕްރެސްގައި ބުނެފައިވެއެވެ.

އަދި އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުންނާއެކު ކުރި މި މަސައްކަތުގައި މަޖިލިސް ބައެއް މެމްބަރުންނަށް އެކި ފަހަރު މަތިން ރިޝްވަތު ހުށައަޅާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސް ގާނުނީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިހެން ބުނެފައިވި ނަމަވެސް ފާރިސްއާ ދެކޮޅަށް އުފުލާފައިވާ ރިޝްވަތު ހުށައެޅި ކަމުގެ ދައުވާގެ އަޑު އެހުމުގައި ސިއްރު ހެއްކެއް ވަނީ ފާރިސް ރިޝްވަތު ދީފައިނުވާ ކަމަށް ބުނެ ކޯޓުގައި ހެކިބަސް ދީފައެވެ. އޭނާއަކީ ދައުލަތުން ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް ހުށައެޅި ހެއްކެކެވެ.

މައުމޫނާ ދެކޮޅަށް ގާނޫނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތު ކުރި ނަމަވެސް އެމަނިކުފާނާ ދެކޮޅަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ ދައުވާއެވެ.