ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ސުޕްރީމް ކޯޓްގެ ދޮރުވައްޓާލައިގެން ގަދަކަމުން ވަދެ ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ނުކުރައްވަން އަލީ ހަމީދު ވެސް ނިންމަވައިފިއެވެ.
އަލީ ހަމީދުގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ އަމުރު އިސްތިއުނާފު ނުކުރުމަށް އަލީ ހަމީދު އަންގަވާފައިވާ ކަމަށެވެ.
ދައުލަތުން އަލީ ހަމީދުގެ މައްޗަށް ތިން ދައުވާއެއް ކުރެއެވެ. އެއީ ޓެރަރިޒަމްގެ ދައުވާއާއި ރިޝްވަތުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
އަލީ ހަމީދު ބަންދުކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާއައި ގުޅިގެންނެވެ.
ޖުޑީޝަލް ސަރވިސެސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މުސާރަ ނުހިނގާ ގޮތަށް އަލީ ހަމީދު ވެސް ސަސްޕެންޑުކޮށްފައެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ގޮތުގައި އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާގެ އަގުހުރި ޕައުންޑާއި ޑޮލަރާއި ދިވެހި ފައިސާ ވަނީ ފެނިފައެވެ.